ވިޔަފާރި

ސީއެންއެންއިން އެކުލަވާލި ޗުއްޓީއަށްދާން އެންމެ ކަމުދާ މަންޒިލްތަކުގެ ލިސްޓުގައި ރާއްޖެ


ސީއެންއެންއިން އެކުލަވާލި، މިއަހަރުތެރޭ ޗުއްޓީއަށްދާން އެންމެ ކަމުދާ މަންޒިލްތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެއެވެ.

21 މަންޒިލް ހިމެނޭ މި ލިސްޓުން ރާއްޖެ ޖާގަ ހޯދާފައިވާއިރު، ސީއެންއެން ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ތައުރީފްކޮށްފައެވެ. އަދި ހުދު ގޮނޑުދޮށެއްގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށާއި، މޫދުގައި ފީނާލަން ބޭނުންވާ ފަރާތްތަކަށް ރާއްޖެއަކީ އެންމެ ކަމުދާނެ މަންޒިލްކަމަށް ސީއެންއެންއިން ބުނެފައިވެއެވެ.

ކޯވިޑްގެ ހާލަތުގައިވެސް ޗުއްޓީއަށްދާން އެންމެ ރައްކާތެރި މަންޒިލްތަކުގެ ތެރޭގައިވެސް ރާއްޖެ ހިމެނޭކަން ސީއެންއެންއިން ފާހަގަކުރެއެވެ. އެގޮތުން ރާއްޖޭގެ ރިސޯޓުތައް ހިންގަމުންދަނީ ވަން އައިލެންޑު ވަން ރިސޯޓު ކޮންސެޕްޓަށްކަމަށްވުމުން ރައްކާތެރިކަން ބޮޑުވެގެންދާކަން ސީއެންއެންއިން ވަނީ ފާހަގަކޮށްފައެވެ.

މި ލިސްޓުގައި ދެން ހިމެނޭ ޤައުމުތަކުގެ ތެރޭގައި، ދުބާއީ، ސިންގަޕޯރ، ފްރާންސް އަދި ގްރީސް ހިމެނެއެވެ.
ދުނިޔޭގެ މިފަދަ އެކި އެކި ލިސްޓުތަކުންނާއި، ފަތުރުވެރިންގެ މެދުގައި ހަދާ މިފަދަ ސަރވޭތަކުން އެކުލަވާލާ ލިސްޓުތަކުގައި ރާއްޖެ ހިމެނިގެން ދިޔުމަކީ އާއްމުކަމެކެވެ.

އެގޮތުން ދާދިފަހުން ނަރޑްވޮލެޓުން ކުރިއަށްގެންގޮސްފައިވާ ސަރވޭއަކުންވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިން މިއަހަރުތެރޭ ހަނީމޫނަށް ދާން އެންމެ ބޭނުންވާ ޤައުމުތަކުގެ ލިސްޓުގައިވަނީ ރާއްޖެ ހިމެނިފައެވެ.