ވިޔަފާރި

15 ދުވަސްތެރޭ ރާއްޖެއަށް 40000 އަށްވުރެ ގިނަ ފަތުރުވެރިން


މިއަހަރުގެ ފުރަތަމަ 15 ދުވަސްތެރޭ ރާއްޖެއަށް 40000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެންް 15 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށްވަނީ 43481 ފަތުރުވެރިން އައިސްފައެވެ. ފާއިތުވި ފަނަރަ ދުވަސްތެރޭ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެދުވަހު ރާއްޖެއަށްވަނީ 3055 ފަތުރުވެރިން އައިސްފައެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަނީ 2899 ފަތުރުވެރިންނެވެ.

ވަކިވަކި ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާލާއިރު، މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް އެޤައުމުން ރާއްޖެއަށް 10002 ފަތުރުވެރިން އައިސްފައިވާއިރު، ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން މި މުއްދަތުގައި ރާއްޖެއަށް 5727 ފަތުރުވެރިން އައިސްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 3 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫކްރެއިންއިންނެވެ. އެޤައުމުން ރާއްޖެއަށް 3472 ފަތުރުވެރިން އައިސްފައިވެއެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ކަޒަކިސްތާނުންނެވެ. އެޤައުމުން ރާއްޖެއަށް 2034 ފަތުރުވެރިން އައިސްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރޯމޭނިއާއިންނެވެ. އެޤައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވަނީ 1534 އަށް އަރާފައެވެ.
މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ތިން ޤައުމުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނުނު ނަމަވެސް، ކޯވިޑް-19 އާއި ގުޅިގެން އެޤައުމު ފުރަބަންދަކަށް ދިޔުމުން އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ ދަށަށް ގޮސްފައެވެ.

ފަތުރުވެރިން މިދުވަސްކޮޅު ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ މުއްދަތުވެސް ދިގުކަން ފާހަގަކޮށްލެވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފަތުރުވެރިން އާއްމުގޮތެއްގައި މިހާރު ރާއްޖޭގައި 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ލިބެމުންދާ ކުރިއެރުންތަކާއެކު ފަތުރުވެރިންނަށް ޙިދުމަތްދޭ ފެސިލިޓީތައްވެސް ދަނީ އަލުން ހުޅުވާލަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 582 ފެސިލިޓީއަކުން 42300 އެނދުވަނީ ފަތުރުވެރިކަމަށް ނެރެފައެވެ.