ދުނިޔެ

ކޯވިޑް މަރުގެ ޢަދަދު ދެ މިލިއަނަށް، ވެކްސިން ނުލިބޭ ޤައުމުތައް ހާސްކަމުގައި


ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ ޢަދަދު ދެ މިލިއަނަށް އަރައިފިއެވެ. ބަލީގައި މަރުވި މީހުންގެ ޢަދަދު ދެ މިލިއަނަށް އިތުރުވެފައިމިވަނީ ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި ބައްޔާއި ދެކޮޅަށް ވެކްސިން ދެމުންދާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި ވެކްސިން ދިނުމުގެ ކަންކަން ވަރަށް ފުރިހަމައަށް ކުރިއަށް ގެންދާތީ، އެ ޤައުމުތަކަށް ބަލިމަޑުކަމުން އަރައިގަނެވިދާނެކަމުގެ އުންމީދުވަނީ އައުވެފައެވެ. ނަމަވެސް އަނެއްބައި ސަރަޙައްދުތަކުގައި ވެކްސިނާއި ގުޅޭ ކަންކަން ކުރިއަށް ނުދާތީ އެ ޤައުމުތަކުން އެތައް ޒަމާނެއް ވަންދެން ބަލިމަޑުކަމާއި އަދިވެސް ހަނގުރާމަކުރަން ޖެހިދާނެކަމަށް ބެލެވެއެވެ.

ކޯވިޑް ޖެހިގެން މަރުވި މީހުންގެ ޢަދަދު ދެ މިލިއަނަށް އިތުރުވެފައި މިވަނީ އެ ބަލި ޗައިނާގެ ވުހާން ސިޓީއިން އެންމެ ފުރަތަމަ ފެނުނުތާ އަހަރެއްވެފައި ވަނިކޮށެވެ. ބަލީގައި މަރުވެފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ ބްރަސެލްސް، މައްކާ، މިންސްކް ނުވަތަ ވިއެނާފަދަ ބޮޑެތި ސިޓީތަކުގެ އާބާދީއާއި އެއްވަރު ޢަދަދެކެވެ.

މިހާތަނަށް 93 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ބަލީގެ ސަބަބުން މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ސަރަޙައްދުގެ ގޮތުގައި އޮތީ ވިލާތެވެ. ވިލާތުގައި 650،560 މީހުންވަނީ ކޯވިޑްގެ މަރުވެފައެވެ. މެދުތެރޭ އެމެރިކާއާއި ކެރީބިއަން ސަރަޙައްދުގައި 542،410 މީހުން މަރުވެފައިވާއިރު އެމެރިކާއާއި ކެނެޑާގައި 407،090 މީހުންވަނީ މަރުވެފައެވެ.

ކޯވިޑް ޖެހިގެން މަރުވި މީހުންގެ ޢަދަދު ދެ މިލިއަނަށް އެރުމާއި ގުޅިގެން އދ. ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުތޭޚެޝްވަނީ ބައްޔާއި ދެކޮޅަށް ކުރާ މަސައްކަތުގައި ހުރިހާ ޤައުމަކުން އެކުގައި މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތު އިތުރަށް ގޯސްވާ އެއް ސަބަބަކީ ޤައުމުތަކުން އެކުގައި މަސައްކަތް ނުކުރުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ

އެމެރިކާ، އިނގިރޭސިވިލާތް، އިސްރާއީލް، ކެނެޑާ އަދި ޖަރުމަނުވިލާތްފަދަ މުއްސަނދި ޤައުމުތަކުގައި ކޯވިޑާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންވަނީ އެތައް މިލިއަން މީހުންނަށް ދީފައެވެ. ނަމަވެސް އެހެން ޤައުމުތަކުގައި ވެކްސިން ދިނުމުގެ މަސައްކަތް އަދި ރަނގަޅަށް ފަށައިގަނެވިފައެއް ނުވެއެވެ. އީރާން، އިންޑިޔާ، މެކްސިކޯ އަދި ބުރެޒިލްފަދަ ޤައުމުތަކަށް މި އަހަރަކީ ދަތި އަހަރަކަށްވާނެކަމަށާއި އެ ޤައުމުތަކުން މި އަހަރުވެސް ގިނަ ޢަދަދެއްގެ މީހުން މަރުވާނެކަމަށް ބެލެވޭކަމަށް ކަމާއިބެހޭ މާހިރުންވަނީ އަންދާޒާކޮށްފައެވެ.

ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކޯވިޑް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އދ.ގެ ކޯވެކްސް މަޝްރޫޢުއަށް ވެކްސިން ލިބޭ މިންވަރާއި، ފައިސާ ހުރި މިންވަރުގެ އިތުރުން އެހެނިހެން ވަޞީލަތްތައްވެސްވަނީ މަދުވެފައެވެ. އޭގެ ސަބަބުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯގެ އިސް ސައިންސްވެރިޔާވަނީ ވެކްސިން ދީގެން މި އަހަރުގެ ތެރޭގައި ހަރޑް އިމިއުނިޓީ ޤާއިމްކުރުމަކީ އުނދަގޫކަމަކަށް ވާނެކަމަށް ވިދާޅުވެފައެވެ. ހަރޑް އިމިއުނިޓީ ޤާއިމްކުރަށް މަދުވެގެން ދުނިޔޭގެ 70 އިންސައްތަ މީހުންނަށް ވެކްސިން ދޭންޖެހެއެވެ.

އަވަސް ގޮތަކަށް އަދި ފުޅާ ދާއިރާއެއްގައި ވެކްސިން ނުދެވިއްޖެނަމަ ވައިރަހަށް ވިރާސީ ބަދަލުތަކެއް އައުމަކީ އެކަށީގެންވާކަމެއްކަމަށް ޞިއްޙީ މާހިރުންދަނީ ބުނަމުންނެވެ.