ކޯވިޑް-19

"ކޮއިމަލާ 4"އިން ދަތުރުކުރި ފަރާތްތައް ކަރަންޓީންވާން އަންގައިފި


މިމަހުގެ 9 ވަނަ ދުވަހު "ކޮއިމަލާ 4"އިން ދަތުރު ކުރި ފަރާތްތައް ވީހާވެސް އަވަހަށް އެރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަނަކަށް އެންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިން އެދިވަޑައިގެންފިއެވެ. އެޗް.ޕީ.އޭއިން ވަނީ އެފެރީ އިން ދަތުރުކުރި ފަރާތްތައް 23 ޖެނުއަރީއާ ހަމައަށް ކަރަންޓީންވެ ތިބުމަށްވެސް އަންގަވާފައެވެ.

"ކޮއިމަލާ 4"އަކީ ގއ. އަތޮޅުގައި އަތޮޅު ފެރީގެ ޚިދުމަތް ދެމުންދާ ފެރީއެކެވެ. އެފެރީން ދަތުރު ކުރާ މީހުން ސިއްޙީ ޚިދުމަތްދޭ ތަންތަނަށް އެންގުމަށް އެޗް.ޕީ.އޭއިން އެދިފައި މިވަނީ ގއ. ދެއްވަދޫގައި އުފެދިފައިވާ ކޯވިޑް-19 ކޮލަސްޓަރއާ ގުޅުން ހުރި ބަޔަކު އެފެރީން ދަތުރުކޮށްފައިވާތީއެވެ.

ގއ. ދެއްވަދޫގައި އުފެދިފައިވާ ކްލަސްޓަރއާއި ގުޅުންހުރި ކޭސްތައް ވަނީ ގއ. ދާންދޫއާއި ގއ. ވިލިނގިލިންވެސް ފެނުމާ ގުޅިގެން އެދެރަށްވެސްވަނީ މޮނިޓަރިންގ ޙާލަތަށް ގެނެސް އެދެރަށުގެ ސްކޫލްތައްވެސްވަނީ ބަންދުކޮށްފައެވެ. އެގޮތުން މިހާތަނަށް ދާންދޫއިން 2 މީހަކު ޕޮޒިޓިވްވެފައިވާއިރު ވިލިނގިލިން އެކަކު ޕޮޒިޓިވްވެފައިވާކަމަށް އެޗް.ޕީ.އޭއިން މަޢުލޫމާތުދެއްވައެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ކޭސްތަކެއް ހުޅުމާލެއާއި، ލ. ގަމާއި ފޮނަދޫންވެސް ފެނިފައިވާއިރު، ގަމާއި ފޮނަދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.