ސިއްހަތު

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާޙުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: އައި.ޖީ.އެމް.އެޗް

2018 ވަނަ އަހަރު އައި.ޖީ.އެމް.އެޗްއިން ކުރިއަށް ގެންގޮސްފައިވާ ބައެއް ޕްރޮޖެކްޓުތައް ގަވާއިދުތަކާއި ޚިލާފަށް ކުރިއަށް ގެންގޮސްފައިވާކަމަށް ބަޔާންކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާޙުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އައިޖީއެމްއެޗްގެ 2018ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވަނީ، އެކި މަސައްކަތްތައް ޙަވާލުކުރުމާއި އެކަށީގެންވާގޮތަށް އެއްބަސްވުންތައް ނެތި ފައިސާއާގުޅޭ އެކިއެކި މުޢާމަލާތްތައް ކޮށްފައިވާ މައްސަލަތައް ހާމަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން އައި.ޖީ.އެމް.އެޗްއިން ވިދާޅުވީ، އެ ހޮސްޕިޓަލުގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ސަރުކާރު ބަދަލުވުމާއެކު އެ ހޮސްޕިޓަލުގެ ހިންގުމާ މިހާރުގެ މެނޭޖްމަންޓުން ޙަވާލުވެފައިވަނީ އެ އަހަރުގެ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލުގައި ކުރިއަށް ގެންދާ ހުރިހައި ޕްރޮޖެކްޓެއްވެސް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާނެކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެފައިވެއެވެ.

އައި.ޖީ.އެމް.އެޗަކީ ގިނަ ޢަދަދެއްގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް ޚިދުމަތް ހޯދާ ސަރުކާރުގެ މައި ހޮސްޕިޓަލްކަމަށް ވީހިނދު ހޮސްޕިޓަލުން ކުރިއަށްގެންދަންޖެހޭ ބައެއް ޕްރޮޖެކްޓުތަކަކީ ނުހަނު ހަލުވި ދުވެލީގައި ކުރިއަށް ގެންދަންޖެހޭ ޕްރޮޖެކްޓުތަކެއްކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރައްވާފައިވެއެވެ. އެހެންނަމަވެސް އެ ކަންކަމުގައި އިޞްލާޙު ކުރަންޖެހޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރައްވާ ކަންކަމާއި، އެފަދަ ކަންކަމުގައި ދައުލަތުގެ އިދާރާތަކުން ދެއްވާ އިރުޝާދުތަކަކީ ހޮސްޕިޓަލުގެ އަދުގެ މެނޭޖްމަންޓުން ބަލައިގަންނަ އަދި އެއާއި އެއްގޮތަށް ޢަމަލުކުރަމުންދާ އިރުޝާދުތަކެއް ކަމުގައިވެސް އެ ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

އައި.ޖީ.އެމް.އެޗުގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ޕްރޮކިއުންމަންޓާއި ގުޅޭ އެންމެބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެ ހޮސްޕިޓަލުގައި 2018 ވަނަ ހެދި ނެވާލާނިޒާމުގެ ބަލިތަކަށް ޚާއްސަ ޤައުމީ ސެންޓަރުގެ މައްސަލައެވެ. އެ ސެންޓަރުގެ މަސައްކަތް ކުރުމަށް ފިނޭނެސް މިނިސްޓްރީން ހުއްދަދީފައިވަނީ 36.8 މިލިއަން ރުފިޔާއަށެވެ. އެހެން ނަމަވެސް ބަދަލުގެނެސްފައިވާ ކޯޓޭޝަންގައި މިޢަދަދު 38 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މިއީ ކަނޑައެޅި އަގަށްވުރެ 1،276،023 (އެއް މިލިއަން ދުއިސައްތަ ހަތްދިހަ ހަ ހާސް ތޭވިސް ރުފިޔާ)ރުފިޔާ އިތުރު ޢަދަދެކެވެ.

ކޯޓޭޝަންތަކުގައިވާ އަގު ހުއްދަދީފައިވާ އަގަށްވުރެ ބޮޑުކޮށްފައިވަނީ ރެސްޕިރޭޓަރީ މެޑިސިން ޑިޕަރޓްމަންޓަށް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓް ހޯދުމަށެވެ. އެގޮތުން އޮފީސް ޑެސްކާއި ކޮންސަލްޓޭޝަން ޑެސްކާއި، ސައިޑް ޓޭބަލާއި، ބަލިމީހުން ތިބޭ ގޮނޑިއާއި، ހަތަރު ސީޓުގެ ގޮނޑި، އަދި ޖީއެސްޓީގެ ގޮތުގައި އިތުރުވި ހަތްދިހަ ދެ ހާސް ރުފިޔާއާއެކު ޖުމްލަ 1،276،023 ރުފިޔާވަނީ އިތުރަށް ހިމަނާފައެވެ.

އަދި ހޯދަން އުޅުނު ބައެއް މެޝިނާއި އިކުއިޕްމަންޓް ނުލިބުމުގެ ސަބަބުން ބަދަލުގެނައި ކޯޓޭޝަންތަކަށް ތަކެތި ގަނެފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައި ހުއްދަ ހޯދައިގެން ނޫންކަމަށް އޮޑިޓް އޮފީހުން ވިދާޅުވެއެވެ. މިތަކެތި ހޯދުމަށް އައިޖީއެމްއެޗްއިން 2،249،632 (ދެ މިލިއަން ދުއިސައްތަ ސާޅީސް ނުވަ ހާސް ހަ ސަތޭކަ ތިރީސް ދޭއް) ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނަމަވެސް މި ތަކެތި ގަތުމަށް ހުއްދަދިން ފައިސާއަށްވުރެ އިތުރަށް ފައިސާ ޚަރަދުކޮށްފައެއް ނުވެއެވެ. ދަޢުލަތުގެ މާލިއްޔަތު ޤާނޫނު ބުނާގޮތުން މެޝިނަރީއާއި އަގުބޮޑު އިކުއިޕްމަންޓް ގަންނަންވާނީ ގެރެންޓީދޭ، އެ ބާވަތްތަކުގެ ތަކެތި އާއްމުކޮށް ވިއްކާ ތަންތަނުންނެވެ. ނަމަވެސް އައިޖީއެމްއެޗްއިން މުދާ ގަތުމުގައި މި ޤަވައިދާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި ތަކެތި އޯޑަރުކޮށްފައިވާގޮތަށް ހަމައަށް ތަކެތި ހުރިތޯ ނުބަލައި ތަކެއްޗާ ހަވާލުވެ ފައިސާ ދައްކާފައިވާ މައްސަލަތަކެއްވެސް ފާހަގަކޮށްފައިވެއެވެ. އަދި ޤަވައިދާ ޚިލާފަށް އެޑްވާންސްގެ ގޮތުގައިވެސް ފައިސާ ދައްކާފައިވެއެވެ.

އޮޑިޓް އޮފީހުން ވަނީ، މިގޮތަށް ތަކެތި ހޯދުމާއި، ކުރާ މަސައްކަތުގައި ފިނޭންސް މިނިސްޓްރީން ލަފާދޭ އަގުތަކުގައި މަސައްކަތްކުރުމާއި ބަދަލެއް ގެންނަންޖެހިއްޖެނަމަ މިނިސްޓްރީގެ ހުއްދަ ހޯދުމަށް އައިޖީއެމްއެޗްއަށް ލަފާދެއްވާފައެވެ.