ވިޔަފާރި

50 އިންސައްތަ ގެސްޓްހައުސް އަލުން ހުޅުވައިފި


ރާއްޖޭގައި އޮޕަރޭޓްކުރާ ގެސްޓްހައުސްތަކުގެ ތެރެއިން 50 އިންސައްތަ ގެސްޓްހައުސް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 293 ގެސްޓްހައުސްއެއް ވަނީ އަލުން ހުޅުވައި ޙިދުމަތްދޭން ފަށާފައެވެ.

އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ މިދިޔަ އޮކްޓޯބަރމަހުގެ 15 ވަނަ ދުވަހުއެވެ. އަދި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނީ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން 580 ގެސްޓްހައުސްއެއް ހިންގަމުން އަންނައިރު މިހާތަނަށް 293 ގެސްޓްހައުސްއެއް އަލުން ހުޅުވާ ޙިދުމަތްދޭން ވަނީ ފަށާފައެވެ. އެހެންކަމުން މިއީ 2 ބައިކޮށްފައި އެއްބަޔަށްވުރެ ގިނަ ގެސްޓްހައުސްއެވެ.

އިއްޔެގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖޭގެ 14 އަތޮޅަކުން 48 ރަށެއްގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައެވެ. އަތޮޅުތެރޭގެ ގެސްޓްހައުސްތަކަށްވުރެ ފަހުން ގްރޭޓަރ މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިންނަމަވެސް މިހާތަނަށް ގްރޭޓަރ މާލެ ސަރަހައްދުން ގިނަ ގެސްޓްހައުސްތަކެއް ވަނީ ހުޅުވާފައެވެ. ގްރޭޓަރ މާލެ ސަރަހައްދުން މިހާތަނަށް 42 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެވެ. މިއާއިއެކު ގްރޭޓަރ މާލެ ސަރަހައްދުން 1186 އެނދު ވަނީ އޮޕަރޭޝަނަށް އައިސްފައެވެ. ވަކި ރައްތަކުގެ ތެރެއިން އެންމެ ގިނަ ގެސްޓްހައުސް ހުޅުވާފައިވަނީ ތޮއްޑޫއިންނެވެ. ތޮއްޑޫއިން ޖުމްލަ 29 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިހާރު 293 ގެސްޓްހައުސް ހުޅުވައި ޙިދުމަތްދޭން ފެށުމާއިއެކު ގެސްޓްހައުސްތަކުގައި ފަތުރުވެރިންނަށް ޙިދުމަތްދެމުން އަންނަ އެނދުގެ އަދަދު ވަނީ 5500 އަށްވުރެ އިތުރުވެފައެވެ.