ސިއްހަތު

"ރެސްޕިރޭޓަރީ މެޑިސިން" ސެންޓަރުން މިހާތަނަށް 14،000އަށްވުރެ ގިނަ މީހުންނަށް ފަރުވާ


އައިޖީއެމްއެޗްގެ، ނޭޝަނަލް ސެންޓަރ ފޮރ ރެސްޕިރޭޓަރީ މެޑިސިން ހުޅުވިތާ މިހާރުވަނީ 2އަހަރު ފުރިފައެވެ. މިދިޔަ ދެ އަހަރުތެރޭގައި ސާދަ ހާހަށްވުރެ ގިނަ ބަލި މީހުން އެސެންޓަރުން ބަލާފައިވާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.

އައިޖީއެމްއެޗްގެ، ނޭޝަނަލް ސެންޓަރ ފޮރ ރެސްޕިރޭޓަރީ މެޑިސިން ހުޅުވާފައި ވަނީ 2019ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 13ވަނަ ދުވަހުއެވެ. ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކަކީ ދިވެހިރާއްޖޭގައި ޢާއްމު އަދި އެހާމެ ނުރައްކާތެރި ބަލިތަކެއް ކަމުން މިސެންޓަރުގެ ޚިދުމަތްތައް ވެގެންދިޔައީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްމުހިންމު ޚިދުމަތަކަށެވެ.

ނޭޝަނަލް ސެންޓަރ ފޮރ ރެސްޕިރޭޓަރީ މެޑިސިންގައި ވޭތުވެދިޔަ 2 އަހަރު އޯ.ޕީ.ޑީގައި 14،701 ބަލިމީހުން ބަލާފައިވާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ. އަދި ދުންފަތާއި ދުރުވުމަށް އެހީވާ ކްލިނިކްގައި 606 މީހުން ބަލާފައިވެއެވެ. އަދި 293 ބްރޮންކޮސްކޯޕީއާއި 5236 ލަންގ ފަންގޝަން ޓެސްޓު ހަދާފައިވާކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަކުރައްވާފައެވެ. މިނޫންވެސް އެތައްސަތޭކަ ތަހުލީލުތަކެއް މި ސެންޓަރުގައި ވޭތުވެދިޔަ 2 އަހަރު ދުވަހު ކޮށްފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަކޮށްގެން އައި.ޖީ.އެމް.އެޗުގައި ޤާއިމުކުރި މިސެންޓަރުގެ މައިގަނޑު މަޤުސަދަކީ ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ކުރުމާއި ނޭވާލާ ނިޒާމާބެހޭ ތަހުލީލުތައް އެއް ފުރާޅެއްގެދަށުން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމެވެ.

މި ސެންޓަރުގައި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތުގެ އިތުރުން ފުއްޕާމޭގެ ޓެސްޓެއް ކަމަށްވާ ބްރޮންކޮސްކޯޕީ ނުވަތަ ތަފާތު ޑައިގްނޯސްޓިކް އަދި އިންޓަވެންޝަނަލް ބްރޮންކޮސްކޯޕީއާއި، ފުއްޕާމޭގެ ބާރާއި ދައުރުވާ ވައިގެ މިންވަރު ބެލުމަށް ހެދޭ ލަންގ ފަންގޝަން ޓެސްޓާއި ސްކިން ޕްރިކް އެލާޖީ ޓެސްޓާއި، ސްލީޕް ސްޓަޑީޒް އަދި އިމިއުނޯތެރަޕީ ފާހަގަކޮށްލެވެއެވެ. މީގެއިތުރުން މިސެންޓަރުގައި ވަނީ ދުންފަތާއި ދުރުވުމަށް އެހީވާ ކްލިނިކަކާއި ޓީ.ބީއަށް ޚާއްސަ ކްލިނިކެއްވެސް ހިންގަމުންނެވެ. އަދިވެސް ތަފާތު އެކި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަށް ބޭނުންކޮށްގެން މި ސެންޓަރުގައި ޚިދުމަތްތައް ދެވެއެވެ.

މިވަގުތު މިސެންޓަރުގައި ފުއްޕާމޭގެ ބަލިތަކަށް ޚާއްސަ ދެ ޑޮކްޓަރުންކަމަށްވާ ޑރ.މޫސާ ހުސައިން އާއި ޑރ.މުޙައްމަދު އިސްމާއިލް ގެ އިތުރުން، އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ދެ ޑޮކްޓަރުންކަމަށްވާ ޑރ. މުހައްމަދު ޢަލީ އާއި ޑރ.މުޙަންމަދު ޢަލީ ސޮލިމާން ސާދް ބައްލަވައެވެ. އައި.ޖީ.އެމް.އެޗްއިން ވިދާޅުވީ، މުސްތަޤުބަލުގައި އައު ޚިދުމަތްތަކަކާއެކު މިސެންޓަރު އިތުރަށް ފުޅާކުރެވިގެންދާނެކަމަށެވެ.