ދުނިޔޭގެ ވިޔަފާރި

ކޯވިޑްގެ ސަބަބުން ބޮއިންގއިން ޑެލިވަރކުރި ބޯޓުގެ އަދަދު 60 އިންސައްތަ ދަށަށް


ކޯވިޑްގެ ސަބަބުން މަތިންދާ ބޯޓު އުފައްދާ ބޮއިންގ ކުންފުނިން ޑެލިވަރކުރި މަތިންދާ ބޯޓުގެ އަދަދު 60 އިންސައްތަ މަދުވެއްޖެއެވެ.

ބޮއިންގ ކުންފުންޏަށް ކޯވިޑްގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިފައިވާއިރު، މަތިންދާ ބޯޓު އުފައްދާ އެންމެ ކާމިޔާބު ކުންފުނީގެ ލަޤަބު ޖެހިޖެހިގެން 2 ވަނަ ފަހަރަށް އެއަރބަސްއިން ވަނީ ހޯދާފައެވެ.

ބޮއިންގއިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑްގެ ސަބަބުން މަތިންދާ ބޯޓު އުފެއްދުމުގެ ވިޔަފާރިއަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. އެގޮތުން 2019 ވަނަ އަހަރާއި އަޅާބަލާއިރު 2020 ވަނަ އަހަރު ބޮއިންގް ކުންފުނިން ޑެލިވަރކުރި މަތިންދާ ބޯޓުގެ އަދަދު 60 އިންސައްތަ ވަނީ މަދުވެފައެވެ. މިއާއެކު 2020 ވަނަ އަހަރު ވެގެން ގޮސްފައިވަނީ އެކުންފުނިން ވޭތުވެދިޔަ 43 އަހަރުގެ ތެރޭގައި އެންމެ މަދުން މަތިންދާ ބޯޓު ޑެލިވަރކުރި އަހަރަށެވެ.

އެމެރިކާގެ ބޮއިންގ ކުންފުނިން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު 39 މަތިންދާ ބޯޓެއް ޑެލިވަރކޮށްފައިވާއިރު، މިއީ 2020 ވަނަ އަހަރުގެ ތެރޭގައި އެއް މަހެއްގައި އެންމެ ގިނަ މަތިންދާ ބޯޓު ޑެލިވަރކުރި މަހެވެ. އެގޮތުން ޑިސެމްބަރުމަހުގެ ތެރޭގައި ބޮއިންގ 737 މެކްސް ޖެޓްގެ 27 ޖެޓާއި، ޕީ އެއިޓް މެރިޓައިމް ޕެޓްރޯލް ވައިޑް ބޮޑީ އެއަރކްރާފްޓްގެ 12 މަތިންދާ ބޯޓު ވަނީ ޑެލިވަރކޮށްފައެވެ. މިއާއެކު 2020 ވަނަ އަހަރު ޖުމުލަ 157 މަތިންދާބޯޓު އެ ކުންފުނިން ވަނީ ޑެލިވަރކޮށްފައެވެ. މިއަދަދު 2019 ވަނަ އަހަރު އުޅުނީ 380އެވެ. އަދި 2018 ވަނަ އަހަރު މިއަދަދު 806 އަށް ވަނީ އަރާފައެވެ. އެހެންކަމުން މިއީ ބޮއިންގ ކުންފުނީގެ ޑެލިވަރީ އަޑިއަޅާލި ވިދިވިދިގެން 2 ވަނަ ފަހަރެވެ.

ބޮއިންގ ކުންފުނިން މިދިޔަ އަހަރު 157 މަތިންދާ ބޯޓު ޑެލިވަރކޮށްފައިވާއިރު މިއަދަދަކީ ބޮއިންގެ ވާދަވެރި އެއަރބަސްއިން ޑެލިވަރކުރި އަދަދަށްވުރެ 3 ގުނަ ދަށް އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު އެއަރބަސްއިން ވަނީ ޖުމްލަ 566 މަތިންދާ ބޯޓު ޑެލިވަރކޮށް، މަތިންދާ ބޯޓު އުފައްދާ އެންމެ ކާމިޔާބު ކުންފުނީގެ ލަޤަބު ޖެހިޖެހިގެން 2 ވަނަ ފަހަރަށް އެއަރބަސްއިން ހޯދާފައެވެ.