ކޯވިޑް-19

ކޯވިޑް-19 : މޮނިޓަރިންގ ޙާލަތާއެކު ދެއްވަދޫ ރައްޔިތުންނަށް ދަތިތަކެއް


މިދިޔަ މަހުގެ 23ވަނަ ދުވަހު ގއ.ދެއްވަދޫން ކޯވިޑް-19އަށް ޕޮސިޓިވްވެފައިވާ މީހަކު ފެނި އެރަށުގައި ވަނީ ކޯވިޑް ކްލަސްޓަރއެއް އުފެދިފައެވެ. އެގޮތުން މިހާތަނަށް ގިނަ ބަޔަކު ވަނީ އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި އެރަށުގައި އުފެދިފައިވާ ކްލަސްޓަރއާ ގުޅުންހުރި ބަޔަކު ވަނީ ލ.ފޮނަދޫއިންވެސް ފެނިފައެވެ.

ދެއްވަދޫގައި އުފެދިފައިވާ ކްލަސްޓަރގެ ސަބަބުން އެޗްޕީއޭއިން ވަނީ އެރަށް މޮނިޓަރިންގއަށް ލާފައެވެ. އެއާއެކު އެރަށަށް އަރައިފޭބުން ވަނީ މަނާކޮށްފައެވެ. އަދި ދެއްވަދޫގެ ބައެއް ގޭގެވެސްވަނީ ކަރަންޓީނުކޮށްފައެވެ.

އެއާއެކު އެކި ގޮތްގޮތުން ދެއްވަދޫއަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ތައުފީޤް ވިދާޅުވީ އެރަށަށް އަރައިފޭބުން މަނާކޮށްފައިވާތީ ދެއްވަދޫގެ އެއްވެސް ދޯންޏަކަށް މަހަށް ނުދެވޭކަމަށެވެ. ވުމާއެކު ރަށަށް މަސް ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި ރަށް މޮނިޓަރިންގގައި އޮތުމުގެ ސަބަބުން ތާނގީތަކަށް ފެން ބަލައި ނުދެވޭކަމަށާއި ފުޅީގައި ބަންދުކޮށްފައިވާ ފެން ރަށުން ހުސްވާމުންދާކަމުގައި އޭނާ ވިދާޅުވިއެވެ. އޭގެއިތުރުން މޫސުން ގޯސްވުމުގެ ސަބަބުން ބޯޓުތަކުން ފިޔާ އަލުވި ގެނައުމުގައިވެސް ލަސްތަކެއް ކުރިމަތިވަމުންދާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ދެއްވަދޫއަށް ދިމާވެފައިވާ މި ޙާލަތުގައި ބައެއް ކުންފުނިތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިފްކޯއިން 50 ކޭހުގެ މަސްދަޅު ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑަބްލިޔުއެސްސީން އެރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ކައުންސިލްގެ ރައީސް ތައުފީޤު ވިދާޅުވިއެވެ.

މީގެއިތުރުން ހުވަދުއަތޮޅުގެ އެހެން ރަށްރަށުންވެސް އަންނަނީ ދެއްވަދޫއަށް އެހީވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގއ.ގެމަނަފުށީގެ މަސްދޯންޏަކުން ވަނީ ދެއްވަދޫގެ ރައްޔިތުންނަށް ބޭނުންވާ މަސް ދެއްވަދޫގެ ކައުންސިލާ ހަވާލުކޮށްފައެވެ. އަދި ގެމަނަފުށީގައި ދަނީ ދެއްވަދޫ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއްވެސް ހިނަގަމުންނެވެ. އަދި ގދ.ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ މުޣުނީ އާއި ގއ.އަތޮޅު ކައުންސިލުންވެސް އެރަށަށް 200 ކޭސް ފެން ވަނީ ފޯރުކޮށްދީފައެވެ.

ދެއްވަދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމުގެ ގޮތުން ކައުންސިލުން ވަނީ ޓާސްކް ފޯހެއް އުފައްދަވާފައެވެ. މި ޓާސްކް ފޯހުންދަނީ ޒަރޫރީ ބޭނުންތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ސިއްޙީ މަރުކަޒުގެ ބައެއް މުވައްޒަފުން ކަރަންޓީނުވުމުގެ ސަބަބުން ޓާސްކް ފޯހުގެ މުވައްޒަފުން ދަނީ ސިއްޙީ މަރުކަޒުގައިވެސް މަސައްކަތް ކުރަމުންނެވެ.

ދެއްވަދޫ ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި އެޗްއީއޯސީގެ ބައެއް ބޭފުޅުންވެސް މިވަގުތު އެރަށުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. ކައުންސިލް ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި ދެއްވަދޫ ހިމެެނޭ ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު ދެއްވަދޫގެ ޙާލަތު ގާތުން ބައްލަވަމުންގެންދަވާކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

އެރަށުގައި ޒަރޫރީ ބޭނުމެއްގައި ނޫނީ އާންމުން ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ފިހާރަތަކަށް ވަނުމުގެ ބަދަލުގައި ޑެލިވަރީ ކުރުމުގެ ޚިދުމަތް ބޭނުންކުރުމާއި، ބަލީގެ އަލާމާތެއް ހުރި މީހެއްނަމަ ސިއްޙީ ޚިދުމަތްދޭ ތަނަކަށްގޮސް ޓެސްޓްކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.