ޚަބަރު

ޕޮޒިޓިވްވާ ފަތުރުވެރިން އިތުރުވަނީ، ރިސޯޓްތަކުން ސަމާލުވާންޖެހޭ


ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލުމާއެކު ދުވަހެއް ދުވަހަކަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުތައް ދަނީ އިތުރުވަމުންނެވެ. މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ ހައި ސީޒަނަށްވުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަނީ ޒިޔާރަތްކުރަމުންނެވެ. އެގޮތުން އައު އަހަރުގެ ފުރަތަމަ 7 ދުވަހު އެކަނިވެސް 20000އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް އިތުރުވުމާއެކު ރިސޯޓުތަކުން ޕޮޒިޓިވްވާ ކޯވިޑް-19ގެ ކޭސްތަކުގެ ޢަދަދުތައް ވަނީ އިތުރުވާން ފަށާފައެވެ. މި އިތުރުވުމަކީ ބޯޑަރުތައް ހުޅުވާލިއިރުވެސް އަންނާނެ އިތުރުވުމެއްކަން ސިއްޙީ ތަޖުރިބާކާރުން ލަފާކޮށްފައިވެއެވެ. ވުމާއެކު މިކަމާ ގުޅިގެން އަޅަންޖެހޭ އެންމެ ފަހުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ ކޯވިޑް-19 ތަފާސް ހިސާބުތަކަށް ބަލާއިރު ބައެއް ރިސޯޓުތަކުން ވަނީ ބަލީގެ ކްލަސްޓަރތަކެއްވެސް އުފެދިފައެވެ. އެގޮތުން ކޯވިޑްގެ ކްލަސްޓަރތައް ފެނިފައިވަނީ ބިޔާދޫ އައިލެންޑް ރިސޯޓާއި ސަން ޝިޔާމް އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުންނެވެ. އެޗްއީއޯސީން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ބިޔާދޫއިން ޖުމްލަ 53 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޮޅުވެލި ރިސޯޓުން މިހާތަނަށް ނެގި ސާމްޕަލްތަކުން 24 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ ރިސޯޓުތަކުން ކޯވިޑް-19އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު އިތުރުވަމުން ދިޔުމާއެކު ރިސޯޓުތަކުގެ ޙާލަތު ވަރަށް ގާތުން މޮނީޓަރ ކުރައްވަމުން ގެންދަވާކަމަށެވެ.

އެގޮތުން ކޯވިޑްގެ ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރިސޯޓުތަކުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމުގެ އިތުރުން އެޗްއީއޯސީއިން އަންނަނީ އިންސްޕެކްޝަންތަކެއް ކުރިޔަށް ގެންދަމުންނެވެ. އަދި ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތްވެސް އެޗްއީއޯސީން ދަނީ ކުރަމުންނެވެ.

މީގެއިތުރުން ކޯވިޑްގެ ކޭސްތައް މިހާތަނަށް ފެނިފައިނުވާ ރިސޯޓުތަކުންވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. ރިސޯޓުތަކުން ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދުތައް އިތުރުވަމުން ދާތީ، ރައްކަތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމްވެސް ވަނީ ރާއްޖޭގެ ޓޫރިޒަމް ޞިނާޢަތަށް އަންނަމުންމިދާ ކުރިއެރުންތައް ފާހަގަކުރައްވާ، ޞީނާޢަތް ފަހަތަށް ސޮއްސާލުމުގެ ޖާގަ ނުދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން އެޗްޕީއޭއާއި ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިންތަކަށް ޢަމަލުކުރެއްވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. އަދި ޞިނާޢަތުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުން ކުރައްވަމުންދާ ބުރަ މަސައްކަތަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.