ފުރަތަމަ ޓަރމުގެ ސްކޫލް ޗުއްޓީއަށްފަހު ދެވަނަ ޓަރމްގެ ކިޔެވުން މިއަދު ފަށައިފިއެވެ. ދެވަނަ ޓަރމްގެ ކިޔެވުން މިއަދު ފަށާފައިމިވަނީ 16 ދުވަހުގެ ޗުއްޓީއަކަށްފަހުއެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި ދަރިވަރުންނަށް އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22ވަނަ ދުވަހާ ހަމައަށެވެ.
މިއަހަރުގެ ދިރާސީ އަހަރުގައި ނުވަދިހާ ހާހެއްހާ ދަރިވަރުން ދަނީ ތަޢުލީމް ހާސިލްކުރަމުންނެވެ. އޭގެތެރޭގައި ސަރުކާރުގެ 217 ސްކޫލްއެއްގައި 84000 އެއްހާ ދަރިވަރުން ކިޔަވަމުންދެއެވެ.
މިއަހަރުވެސް އަތޮޅުތެރޭގެ ސްކޫލްތަކާ އަޅާބަލާއިރު މާލޭގެ ސްކޫލްތަކުގައި ކިޔަވާދަރިވަރުންގެ އަދަދު ނިސްބަތުން އިތުރެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހުރި 19 ސްކޫލްއެއްގައި އާބާދީގެ %33 ދަރިވަރުން ކިޔަވަމުންދާއިރު، %21 މުވައްޒަފުން މާލޭގެ ހުރި ސްކޫލްތަކުގައި މަސައްކަތް ކުރެއެވެ.
ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ.
އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ދެން ރާއްޖޭގައި އަނެއްކާވެސް ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުއެވެ. އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.