ޚަބަރު

މޫސުން ގޯސްވާނެތީ 3ވަނަ ފަހަރަށް އެލަރޓް ދަމަހައްޓައިފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ.އަތޮޅުންފެށިގެން ވ.އަތޮޅާއި ދެމެދުގެ ރަށްތަކަށް އަނެއްކާވެސް ވައިޓް އެލަރޓް ނެރެފިއެވެ. އެލަރޓް ނެރެފައިވަނީ ހަވީރު 16:00އިން ފެށިގެން މިރޭގެ 21:00އަށެވެ. މިއީ މިއަދު އެލަރޓް ދެމެހެއްޓި ތިންވަނަ ފަހަރެވެ.

މެޓް އޮފީހުން ވިދާޅުވީ އެލަރޓް ނެރެފައިވާ ވަގުތުތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި 40މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
މިއަދު މެންދުރުވަނީ ޅ.އަތޮޅުން ފެށިގެން މ.އަތޮޅަށް ޔެލޯ އެލަރޓްވެސް ނެރެފައެވެ.

ކުރިއަށް އޮތް 24ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ވައި ޖެހޭނެކަމަށް ލަފާކުރަނީ ހުޅަނގު އިތުރުން ގަޑިއަކު 10މޭލާ 20މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި 40މޭލަށް ވައިގަދަވާނެއެވެ. ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ރާޅުގެ އުސްމުން އުޅޭނީ 3ފޫޓާ 6ފޫޓާ ދެމެދުގައެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލްވުމަށް މުސުމާބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ. މިއަދު ވިއްސާރަވުމުގެ ސަބަބުން މާލޭގައިވެސް އަދި އަތޮޅުތަކުގެ ބައެއް ރަށްތަކުގައިވެސް ފެންބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.