ޚަބަރު

ކުރީގެ ނައިބު ރައީސް ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލައިގެ ޙުކުމް މާދަމާ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެފަހުން ހުންނެވި ނައިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާޢަކާ ގުޅިގެން އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓައި ރާއްޖެއިން ބޭރަށް ފުރުން މަނާކުރި މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ހައި ކޯޓުގައި ތާވަލުކޮށްފިއެވެ. މިމައްސަލައިގެ ޙުކުމް އިއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު ފަހަށެވެ.

މާލެ އަތޮޅު ފުށިދިއްގަރުފަޅު ކުއްޔަށްދިން މައްސަަލާގައި ޖިހާދުގެ މައްޗަށް، ދަޢުވާކުރުމަށް ދަޢުލަތުންވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. ޚާއްޞަ ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ފުށިދިއްގަރުފަޅު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާ ގުޅިގެން، ޖިހާދުގެ މައްޗަށް، ދަޢުވާކުރުމަށް ދަޢުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ޖިހާދުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ އެމަނިކުފާނު ނާއިބް ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފިނޭސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާތީ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވެފައިވެއެވެ. މިއީ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ތަޙްޤީޤުކޮށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުއްވާފައިވާ މައްސަލައެކެވެ.

ޖިހާދުގެ ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 (ހަތްސަތޭކަ ފަންސާ މިލިޔަން ހަތްސޭކަ ތޭރަހާސް ހަސަތޭކަ ހަތަރު) އެމެރިކާ ޑޮލަރު އުނިވެފައިވާކަމަށް ތަހްޤީޤުން ވަނީ ހާމަކޮށްފައެވެ.

މިމައްސަލާގައި ޖިހާދުގެ މައްޗަށް ދަޢުވާކޮށް އެމަނިކުފާނުގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. ޖިހާދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މިމައްސަލާގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ.