އަންނަ މަހު ފަށާ އެއްވަނަ އޭޝިއާ މެންސް އަންޑަރ 17 ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ ގުރޫޕް ޑީގައި ރާއްޖެ ހިމެނިއްޖެއެވެ.
ޖުލައި 1-11 އަށް އުރުދުންގެ ވެރިރަށް އައްމާންގައި ބާއްވާ މި މުބާރާތުގައި ރާއްޖެ ހިމެނޭ ގުރޫފްގައި ދެން ހިމެނެނީ ކޮރެއާ، އީރާން އަދި އުޒްބަކިސްތާނެވެ.
އޭޝިއާގެ ޤައުމުތަކަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް 17 އަހަރުން ދަށުގެ ފިރިހެންކުދިންގެ މެދުގައި ބާއްވާ ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމުން އަންނަނީ ހުޅުމާލޭގައި ފަރިތަކުރުންތައް ބާއްވަމުންނެވެ.
ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ކުވެއިތު، ބަހްރެއިން އަދި ހޮންގކޮންގއެވެ. ގްރޫޕް ބީގައި ހިމެނެނީ ސައުދީ އަރަބިއްޔާ، ޤަތަރު އަދި ޗައިނާއެވެ. ގްރޫޕް ސީގައި ހިމެނެނީ އުރުދުން، ޗައިނީސް ތައިޕޭ އަދި އިންޑިއާއެވެ.
އެއްވަނަ އޭޝިއާ މެންސް އަންޑަރ 17 ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުތަށް ހިމެނޭ ގުރޫޕުތައް އޭޝިއާ ހޭންޑްބޯލް ފެޑެރޭޝަނުން އިއުލާނުކޮށްފައިވަނީ އިއްޔެއެވެ.