ޚަބަރު

މެދުއިރުމަތީގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ އަދަދު މަދު ކުރަނީ


މެދުއިރުމަތީގެ ޤައުމުތަކުގައި ޤާއިމު ކޮށްފައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނާއި އެ މީހުންގެ ޢާއިލާތަކުގެ މެންބަރުންގެ އަދަދު މަދު ކުރަމުންދާ ކަން ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ. ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ، މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި އެމެރިކާ ސިފައިންގެ ފުރާނައަށް އޮތް ނުރައްކާތެރިކަން ބޮޑުވުމެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އަޅުއްވާނެ ކަމުގައި ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންގެ އަދަދު މަދު ކުރުމާ ގުޅޭ ނިންމުމާ އެކު އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅުވައި ޓްރަމްޕް ވާހަކަފުޅު ދެއްކެވުމާ އެކު، އެމެރިކާ ސިފައިންނަށް އޮތް ނުރައްކަލަކީ އީރާން ކަމަށް އޭނާ ޤަބޫލު ކުރައްވާ ކަން ދޭހަވެގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ޢިރާޤުގެ ވެރިރަށް ބަޣްދާދުގައި ހުންނަ އެމެރިކާގެ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު މަދު ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާ ކަން ދާދިފަހުން ރިޕޯޓު ކޮށްފައިވެއެވެ. ޢިރާޤާއި އެމެރިކާގެ މަޞްދަރުތަކުން ބުނީ، ޢިރާޤުގެ އިތުރުން މެދުއިރުމަތީގެ ބައެއް އެހެން ޤައުމުތަކުގައި ޤާއިމު ކޮށްފައި ތިބޭ އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ އަދަދު މަދު ކުރުމަށް ވެސް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. ނަމަވެސް، އެއީ އެމެރިކާގެ ސިފައިންނާއި އެ މީހުންގެ ޢާއިލާތަކަށް އޮތް ނުރައްކަލެއްގެ ސަބަބުން އަޅަން ނިންމާފައިވާ ފިޔަވަޅެއް ކަން މަޞްދަރުތަކުން ސާފުކޮށްދީފައެއް ނެތެވެ. ޢިރާޤުގައި ތިބި އެމެރިކާގެ 2,500އެއްހާ ސިފައިންގެ އަދަދު މަދު ކުރުމަށް ނިންމާފައިވާ ކަމުގެ ޚަބަރު ފެތުރުމާ އެކު ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުންއަރައި، %4ން އަގުތައް އުފުލިގެން ދިޔައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ބުނީ، ބަޙްރަޔިނާއި ކުވައިތުގައި ޤާއިމު ކޮށްފައިވާ ތިބި އެމެރިކާ ސިފައިންނާއި، އެހެން އޮފިޝަލުންނާއި، އެ މީހުންގެ ޢާއިލާގެ މެންބަރުން އެ ޤައުމުތަކުން ފޭބުމަށް އިރުޝާދު ދީފައިވާ ކަމުގައެވެ. ޖޫން 11ވަނަ ދުވަހު އެ ވުޒާރާއިން ވަނީ، މަސްރަޙު ހޫނު ކަމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކަށް ދަތުރު ނުކުރުމަށް އެމެރިކާގެ ރައްޔިތުންނަށް އިލްތިމާސްކޮށް ޓްރަވަލް އެޑްވައިޒަރީއެއް ނުވަތަ އިންޒާރެއް ނެރެފައެވެ. އަދި، އެ ފަދަ ސަރަޙައްދުތަކުގެ ޤައުމުތަކުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް އެ ސަރަޙައްދުތަކުން ފޭބުމަށް ވެސް އެ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ އަދަދު މަދު ކުރުމަށް ޓްރަމްޕް ނިންމަވާފައި މި ވަނީ، އެ ސަރަޙައްދުގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެއް ސަބަބަކީ، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމެވެ. ދެވަނަ ސަބަބެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރަނީ، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަށް ޓްރަމްޕްގެ އަމުރަށް ކުރަމުންދާ މަސައްކަތްތަކެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ އެ ޤައުމަށް މަޖުބޫރު ކުރުވާފައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ބޭނުން ކުރާ މަރުކަޒުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމަށް ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ ކަމުގައެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތައް މި ވަގުތު އޮތީ މަޑުޖެހިފައެވެ. "އެ މީހުން [އެމެރިކާގެ ސިފައިން] އެ ސަރަޙައްދުން ބޭލުމުގެ މަސައްކަތް ފަށާފައި ވަނީ އެ މީހުންގެ ފުރާނައަށް ނުރައްކާ އޮތީމައި، އެއަށް ފަހު ކަން ވާ ގޮތް ބަލަން އަޅުގަނޑުމެން ތިބޭ ނަން. އެ ޤައުމުތަކުން ފޭބުމަށް [އެމެރިކާގެ ސިފައިންނަށް] ވާނީ އަންގާފައި،" ޓްރަމްޕް ވިދާޅުވިއެވެ.

މެދުއިރުމަތީގައި ހޫނުވެފައިވާ މަސްރަޙު ފިނި ކުރުމަށް އެއްވެސް މަސައްކަތެއް ކުރައްވަމުން ގެންދަވާތޯ ނޫސްވެރިއަކު ޓްރަމްޕް ގާތު އެހުމުން އޭނާ ވިދާޅުވީ "އެ މީހުންނަށް [އީރާނަށް] ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތެއް ނުދޭ ނަން. ވަރަށް ސާފު، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތެއް ނޯންނާނެ،" ކަމުގައެވެ. އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތަކުގައި ޓްރަމްޕް ބޭނުންވާ ލަނޑުދަނޑިތައް ހާސިލު ނުކުރެވިއްޖެ ނަމަ، އީރާނަށް ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގައި ވިދާޅުވެ ޓްރަމްޕް މީގެ ކުރިން ވަނީ އިންޒާރު ދެއްވާފައެވެ.

މަޝްވަރާތަކުގައި އެމެރިކާއިން ހުށަހަޅާފައިވާ އެންމެ ބޮޑު ޝަރުޠަކީ، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް ހުއްޓައިލުމެވެ. ނަމަވެސް، އީރާނުން ވަނީ ޔުރޭނިޔަމް މުއްސަނދި ކުރުމުގެ ޙައްޤު ދޫކޮށްލުމުގެ އެއްވެސް ނިޔަތެއް ނެތް ކަން ހާމަކޮށްފައެވެ. އަދި، އެ ކަމަށް އެއްބަސްނުވާނެ ކަމުގައި ބުނެފައެވެ. ނަމަވެސް، އެއީ މަޝްވަރާތައް ފޭލުވުމަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ސަބަބުގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެމެރިކާއިން އީރާނަށް ޙަމަލާއެއް ދީފި ނަމަ، އޭގެ ބަދަލު ހިފުމުގެ ގޮތުން މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގައި ވިދާޅުވެ، އީރާނުގެ ދިފާޢީ ވަޒީރު ޢަޒީޒް ނާޞިރުޛާދާ ވެސް ވަނީ އިންޒާރު ދެއްވާފައެވެ.

މެދުއިރުމަތީގައިވާ ތެލުގެ ގޮތުން މުއްސަނދިކަން ލިބިފައިވާ ގިނަ ޤައުމުތަކުގައި އެމެރިކާއިން ވަނީ އަސްކަރީ މަރުކަޒުތައް ޤާއިމުކޮށް، ގިނަ އަދަދެއްގެ އިސްތިޢުމާރީ ސިފައިން ބައިތިއްބާފައެވެ. އޭގެ ތެރޭގައި ޢިރާޤު، ކުވައިތު، ބަޙްރަޔިން، ޤަޠަރު އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ހިމެނެއެވެ. އަދި، ނިޔޯކޮލޯނިޔަލިޒަމް ނުވަތަ އައު އިސްތިޢުމާރީ ސިޔާސަތުތައް ބޭނުންކޮށް އެ ޤައުމުތަކުގެ ސަރުކާރުތަކަށް އެމެރިކާއިން ދަނީ ބާރާއި ނުފޫޒު ފޯރުވަމުންނެވެ.