ޚަބަރު

ފެހެންދޫ ކުދިން ގޮއިދޫއަށް ކިޔަވަންދާން ހުރަހެއްނެތް: ގޮއިދޫ ސްކޫލް


ފެހެންދޫ ގެސްޓް ހައުސްތައް ހުޅުވާލާ ގެސްޓުން އައުމުން ގޮޮއިދޫއަށް ކިޔަވަން ދާ ފެހެންދޫ ދަރިވަރުން ކިޔަވަން ދިއުމަށް އެއްވެސް ހުރަހެއްނެތްކަމަށް ގޮއިދޫ ސްކޫލުން ބުނެފިއެވެ.

ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވީ މިކަމާއި ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތައް އެ ދެރަށުގެ ބެލެނިވެރިންނާ ހިއްސާކޮށް އެކަން ހައްލުކޮށްފައިވާކަމަށެވެ. އެގޮތުން ގޮއިދޫ ސްކޫލަށްދާ ދަރިވަރުން ގެސްޓުންނާ ކައިރިވެ ނޫޅުމަށާ، ގެސްޓްހައުސްތައް ހުންނަ ސަރަހައްދުތަކަށް ނުފޮނުވުމަށް ބެލެނިވެރިންނަށް އަންގާފައިވާނެކަމަށް ނިޒާމް ވިދާޅުވިއެވެ. މީގެ އިތުރުން ގެސްޓްހައުސްއެއްގައި މަސައްކަތް ކުރާމީހަކު ކިޔަވަން ދާ ކުއްޖަކު ހުންނަ ގެއެއްގައި އުޅޭނަމަ ގެސްޓްހައުސްގެ މަސައްކަތްތައް ނިންމާލުމަށްފަހު ރަނގަޅަށް ސާފު ތާޙިރުވެގެން ނޫންގޮތަކަށް ކުދިންނާ ކައިރިނުވުމަށްވެސް ބެލެނިވެރިންނަށް އަންގާފައިވެއެވެ.

ފެހެންދޫއަށް ފަތުރުވެރިން އަންނަން ފަށާފައިވަނީ އިއްޔެއެވެ. މިކަމާ ގުޅިގެން ގޮއިދޫގެ ބައެއް ބެލެނިވެރިން ކަންބޮޑުވި ނަމަވެސް އެކަން ވާހަކަދައްކައިގެން ހައްލުކޮށްފައިވާކަމަށް ގޮއިދޫ ސްކޫލުން ބުނެއެވެ.

"ކޮންމެ ދަރިވަރަކުވެސް ރަނގަޅަށް ސާފުތާހިރުވެގެން ސްކޫލަށް ފޮނުވާނީ. އަދި ފޮނުވާއިރު އެހެން މީހުންނާ ކޮންޓެކްޓް ކޮށްގެންނުވާނެ، އެއީ މިބަލިން ސަލާމަތް ވެވެންއޮތް އެންމެ ރަގަޅުގޮތަކީ، އަނެކާ މިހާރު ސްކޫލްތަކުގައި ސެނެޓެއިޒާ ހުންނާނެ އަދި ކޮންމެ ދަރިވަރަކުވެސް ސްކޫލަށް އަންނާނީ މާސްކް އަޅައިގެން، އެހެންވީމާ ގެސްޓްހައުސްތައް ހުޅުވާލިޔަސް އުސޫލަށް އަމަލު ކުރާނަމަ މީގެ ބިރުވެރިކަމެއް އިރާދަކުރެއްވީޔާނެތް، މާދަމާ ކަންނޭންގެ ގޮއިދޫގައި ގެސްޓްހައުސްތައް ހުޅުވާލާނީ އޭރުން އެބިރު ފެހެންދޫ ދަރިވަރުންނަށްވެސް އޮންނާނެ." ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ފޯނުން ވާހަކަދައްކަމުން ބުންޏެވެ.

އެޗްޕީއޭގެ ގައިޑްލައިން ބުނާގޮތުން އަސާސީ ހިދުމަތެއް ހޯދުމަށް ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށްތަކުން، ގެސްޓްހައުސް އޮޕަރޭޓު ނުކުރާ ރަށަކަށް ދިޔަނަމަވެސް ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. އޭގެ ތެރޭގައި ސްކޫލަށް ދިޔުންވެސް ހިމެނެއެވެ.