ދުނިޔޭގެ ވިޔަފާރި

ފޯޑްގެ ގެއްލުން ބޮޑުވެ، 3 ކާރުޚާނާއެއް ބަންދުކުރަނީ


މަޝްހޫރު ކާރު އުފައްދާ ކުންފުނި، ފޯޑްއަށް ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުން ބޮޑުވެ ކުންފުނީގެ 3 ކާރުޚާނާއެއް ބަންދުކުރުމަށް ނިންމައިފިއެވެ.

ފޯޑްއިން ބަންދުކުރަން ނިންމާފައިވަނީ އެކުންފުނީގެ އެންމެ ގިނަ ޕްލާންޓްތައް މިވަގުތު ހުރި ބްރެޒިލްގެ 3 ކާރުޚާނާއެއްކަމަށް ވަނީ ހާމަކޮށްފައެވެ.

ފޯޑްއަށް ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުމުގެ މަޢުލޫމާތު ހިއްސާކުރަމުން އެ ކުންފުނީގެ އޮފިޝަލަކު ވަނީ ކުންފުނި ދަރަނިން ސަލާމަތް ކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ކުންފުނިން ގަންނަ ކާރުތަކުން ނަގާ ޕްރީ ޓެކްސް ޗާޖްގެ ގޮތުގައި 4.1 ބިލިއަން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ފޯޑްއިން ވަނީ އެކުންފުނީގެ އެންމެ ގިނަ ކާރު އުފައްދާ ކާރުޚާނާތައް މިވަގުތު ހުރި ބްރެޒިލްގެ 3 ކާރުޚާނާއެއް ބަންދުކުރުމަށް ނިންމާފައެވެ. އެގޮތުން ބްރެޒިލްގެ ކެމަސަރީ އަދި ތޮބަތޭގައި ހުރި ކާރުޚާނާ މިމަހު ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ކާރުޚާނާތަކުން މިހާތަނަށް އުފައްދާފައިވާ ކާރުތައް ވިކި ހުސްވުމުން މުޅި އޮޕަރޭޝަން އެއްކޮށް ހުއްޓާލުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ބްރެޒިލްގެ ބެލޯ ހޮރިޒޮންތޭގައި ހިންގާ ޓްރޯލަރ މަރުކާގެ ކާރު އުފައްދާ ކާރުޚާނާ މިއަހަރުގެ ހަތަރު ވަނަ ކުއާޓާގައި ބަންދުކުރާނެކަން ފޯޑްއިން ވަނީ ހާމަކޮށްފައެވެ.

ކޯވިޑްގެ ސަބަބުން ފޯޑް ކުންފުންޏަށް 11 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާއި ވަނީ ކުރިމަތިވެފައެވެ. މީގެ ސަބަބުން ފޯރޑްގެ ހިއްސާގެ އަގު ވެއްޓިފައިވާއިރު، އެ ކުންފުނީގެ ވިޔަފާރި އަނބުރާ ކޮޅަށް ޖެހުމަށް ވިޔަފާރީއަށް ބޮޑެތި ބަދަލުތަކެއް ބޭނުންވާކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ފޯޑްގެ އޮފިޝަލުން ބުނީ ބްރެޒިލްގެ ކާރުޚާނާތައް ބަންދުކުރަން ނިންމީ ބްރެޒިލްގައި އެ ކުންފުނީގެ ކާރުތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ދަށްވުމުން ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައިކަމަށެވެ. މި ކާރުޚާނާތައް ބަންދުކުރުމުން ބްރެޒިލްގެ ފަސް ހާސް މީހުންގެ ވަޒީފާ ގެއްލޭނެކަމަށް ފޯޑް ކުންފުނިން ވަނީ ބުނެފައެވެ.

ފޯޑްއިން އަންދާޒާކުރާ ގޮތުގައި 2023 ވަނަ އަހަރާ ހަމައަށް ކުންފުނީގެ ވިޔަފާރި ރަނގަޅުވުމަކީ އެކަށީގެންވާކަމެކެވެ. އެހެންވެއްޖެނަމަ ބަންދުކުރި ކާރުޚާނާތައް އަލުން ހުޅުވާނެކަމަށް އެ ކުންފުނިން ބުނެއެވެ.