ވިޔަފާރި

ދިއްލީ އަދި ބެންގަލޫރަށް ރާއްޖެއިން ސީދާ ދަތުރުތައް ފަށަނީ


އަންނަ މަހު އެއަރ އިންޑިއާއިން ރާއްޖެއާއި އިންޑިއާގެ އިތުރު 2 މަންޒިލަކަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

ކޯވިޑް19 އަށްފަހު އެއަރ އިންޑިއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވީ، ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އެއަރ އިންޑިއާއިން އިންޑިއާގެ ބެންގަލޫރާއި، ދިއްލީން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެކަމަށެވެ. މިހާރު އެ އެއަރލައިނުން ރާއްޖެއަށް ދަތުރުކުރަނީ ޓްރިވެންޑްރަމްއިން އެކަންޏެވެ.

އެއަރ އިންޑިއާ މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވިލާ ޓްރެވެލްސް މެދުވެރިކޮށް ޓިކެޓް ނެގޭނެއެވެ. އެކުންފުނިން ބުނީ އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ޓިކެޓް ދޫކުރާނީ އިންޑިއާ ހައިކޮމިޝަންގެ ހުއްދައަކާއި އެކުކަމަށެވެ. ދަތުރުކުރާ ކޮންމެ ފަސިންޖަރެއްގެ އަތުގައިވެސް 96 ގަޑިއިރު ހަމަނުވާ ކޯވިޑް19އަށް ޓެސްޓްކޮށްފައިވާކަން އަންގައިދޭ ލިޔުމެއް އޮންނަންޖެހޭނެއެވެ.

އިންޑިއާއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. 2020 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 62905 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ 2020 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 11.3 އިންސައްތައެވެ. އަދި މިއަހަރުގެ ފުރަތަމަ 10 ދުވަހު އިންޑިއާއިން ރާއްޖެއަށް 3908 ފަތުރުވެރިން އައިސް އިންޑިއާ ވެފައިވަނީ މިއަހަރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ.

އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމްކޮށްފައިވާ ޓްރެވެލް ބަބުލްއާއިއެކު އިންޑިއާގެ 4 އެއަރލައިންއަކުން މިހާރު އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އޭގެތެރޭގައި އެއަރ އިންޑިއާ، އިންޑިގޯ، ގޯ އެއަރ އަދި ސްޕައިސްޖެޓް ހިމެނެއެވެ.