ދުނިޔެ

ކޯވިޑް ފެތުރުނުގޮތް ބަލަންދާ ޓީމަށް ޗައިނާއިން ހުއްދަދީފި


ކޯވިޑް ފެތުރެންފެށި ގޮތް ދިރާސާކުރުމަށް ޗައިނާއަށް ދަތުރުކުރާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯގެ މާހިރުންގެ ވަފުދު އަންނަ ބުރާސްފަތި ދުވަހު ދާނެކަން އަންގައިފިއެވެ.

މި ވަފުދު ޗައިނާއަށް ދަތުރުކުރުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ މިމަހުގެ ކުރީކޮޅުގައެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އެދަނަމް ގެބްރިއޭސް ވިދާޅުވީ މި ވަފުދުގެ ދަތުރު ފަސްކުރަންޖެހުނީ ޗައިނާއަށް އެތެރެވުމަށް ބޭނުންވާ ޙުއްދަތައް އެ ޤައުމުން ނުދިނުމުންކަމަށެވެ.

ޑަބްލިއުއެޗުއޯގެ ވަފުދު ދަތުރުކުރާ ތާރީޚު ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން އިޢުލާނުކުރިނަމަވެސް އެ ދަތުރުގައި ހިމެނޭ ކަންކަމާއި ގުޅޭ ތަފްޞީލެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.

ޗައިނާގެ ހޫބެއި ޕްރޮވިންސުގައި އޮންނަ ވުހާން ސިޓީން ކޯވިޑް އެންމެ ފުރަތަމަ ފެނިފައިވަނީ 2019ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެ ޤައުމުން ފެނުނު ފުރަތަމަ ކޭސްތައް ގުޅިފައި އޮތީ ވުހާންގައި ހުންނަ ހުއަނާން ސީފުޑު މާކެޓާއެވެ. ކޯވިޑް ޖެހިގެން ވުހާން ސިޓީގައި މީހަކު މަރުވެފައިވާކަމަށް އެންމެ ފުރަތަމަ ރަސްމީކޮށް ދަފްތަރުކޮށްފައިވަނީ މީގެ އެއް އަހަރު ކުރިންނެވެ. އެއީ އެ މާރުކޭޓާއި ގުޅުންހުރި އުމުރުން 61 އަހަރުގެ ފިރިހެނެކެވެ.

ޗައިނާއަށް ދަތުރުކުރާ މި ވަފުދުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ ދިހަ މާހިރުން ހިމެނެއެވެ. މި ޓީމުން މަސައްކަތް ކުރާނީ މިދިޔަ އަހަރުގެ ތެރޭގައި ކޮށްފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ޗައިނާގައި ބަލި ފެތުރުނު ގޮތް އިތުރަށް ދިރާސާކުރުމަށެވެ. އަދި ޗައިނާގައި މި ބަލި ފެތުރުނު ސަރަޙައްދުތަކަށް މި ޓީމު ދަތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.

މިިދޔަ އަހަރުގެ ތެރޭގައި 90 މިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް ޖެހިފައެވެ. ދުނިޔޭގެ ހުރިހާ ސަރަޙައްދަކަށް ބަލީގެ އަސަރު ފޯރާފައިވާއިރު އެ ބަލީގައި މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ގިނަ ޤައުމުތަކަކުން މިހާރުވެސް ދަނީ ބަލި ފެތުރުން ހުއްޓުވުމުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލަމުންނެވެ.