އދ.އިން ފަލަސްޠީނަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު، ފްރެންޗެސްކާ އަލްބަނީސް އާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދަތިރިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު، މާކޯ ރޫބިޔޯ ވިދާޅުވީ، ޔަހޫދީންގެ ދައުލަތުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ސަރަޙައްދުތަކަށް އދ.އިން ކަނޑައަޅާފައިވާ ޚާއްސަ މަންދޫބުގެ މަޤާމުގައި ހުންނަވައިގެން، އަލްބަނީސް ގެންދަވަނީ ޔަހޫދީންގެ ދައުލަތާއި އެމެރިކާއަށް ދެކޮޅަށް ސިޔާސީ އަދި އިޤްތިޞާދީ ގޮތުން "ހަނގުރާމަ" ކުރައްވަމުން ކަމަށެވެ.
ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަލްބަނީސް ގެންދަވަނީ ހަރުއަޑުން ވަކާލާތު ކުރައްވަމުންނެވެ.
އެކަމާ ހިތްހަމަނުޖެހިގެން، އޭނާ މަޤާމުން ވަކިކުރަން، ޔަހޫދީން އދ.އަށް ގޮވާލަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ.
ބިރުދެއްކުމަށްޓަކައި، އެމެރިކާއިން އެޅި މި ފިޔަވަޅުގެ ސަބަބުން، ކުރައްވާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށް އަލްބަނީސް ވިދާޅުވިއެވެ.
އަލްބަނީސް އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ، ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޓްރަމްޕްއާ ބައްދަލުކުރަން އެމެރިކާއަށް ދަތުރުކުރުމުގައި ވައިގެ ސަރަޙައްދު ބޭނުންކުރަން ހުއްދަ ދިން ޤައުމުތަކަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.
އަލްބަނީސް ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ހުއްޖަތެއްގެ ގޮތުގައި، އޭނާ އިސްވެ، ޔަހޫދީންގެ ދައުލަތުގެ ވެރިން ހައްޔަރުކުރަން ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު (އައިސީސީ)ގައި ކުރެއްވި ވަކާލާތު، ރޫބިޔޯ ނެންގެވިއެވެ.
އެކަމާ ހިތްހަމަނުޖެހިގެން، ޓްރަމްޕްގެ ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ވަނީ އައިސީސީގެ ހަތަރު ފަނޑިޔާރަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅައިފައެވެ.
ޓްރަމްޕްގެ އަމުރަށް އެމެރިކާ ސަރުކާރުން ފިޔަވަޅު އަޅާފައިވާ ހަތަރު ފަނޑިޔާރުންނަކީ ޔުގާންޑާގެ ސޮލޮމީ ބަލޫންގި ބޯސާއާއި، ޕެރޫގެ ލޫސް ޑެލް ކާމެން އީބާންޔޭސް ކަރޭންސާއާއި، ބެނިންގެ ރެން އަޑޭލާއީޑް ސޯފީ އަލާޕީނީ ގާންސޫގެ އިތުރުން ސްލޮވީނިޔާގެ ބެޓީ ހޯލެހްރެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ލާއިންސާނީ ޢުދުވާނުތަކުގައި މިހާތަނަށް 57،500 އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.