ރިސޯޓްތަކާ ގެސްޓްހައުސްތަކުގެ އިތުރުން އެކިއެކި ބޭނުންތަކުގައި ގެންނަ ބިދޭސީންގެ މެޑިކަލް ހައްދައިދިނުމުގެ ޙިދުމަތް ކޯވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު އެޙިދުމަތް އަނެއްކާވެސް ބ.އަތޮޅު ހޮސްޕިޓަލުން ފަށައިފިއެވެ.
ބ.އަތޮޅު ހޮސްޕިޓަލުން ބުނީ މިޙިދުމަތް މެދުކަނޑާލީ ކޯވިޑް19ގެ ބަލިމަޑުކަމާއި ގުޅިގެން އެޗްޕީއޭގެ ލަފާގެ މަތިން ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުން ރަށްތަކަށް އެރުން މަނާކުރުމުންކަމަށެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މެޑިކަލް ހައްދައިދިނުމުގެ ޚިދުމަތަކީ ބޮޑު އާމްދަނީއެއް ލިބޭ އެއް ހިދުމަތަށްވެފައި، އަލުން މި ޙިދުމަތް ފޯރުކޮށްދެނީ އެޗްޕީއޭގެ ލަފަޔާއެކު ކޯވިޑް19އާ ގުޅިގެން ރިސޯޓް މުވައްޒަފުނާއި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަމަލުކުރުމަށް ކަނޑައަޅާފައި އޮންނަ އުސޫލާ އެއްގޮތަށެވެ. އެގޮތުން މެޑިކަލް ހަދަން ރިސޯޓެއްގައި މަސައްކަތްކުރާ ބިދޭސީން ބ.އަތޮޅު ހޮސްޕިޓަލަށް ދެއްކުމަށްފަހު އެމީހުން ރަށުތެރޭގައި އުޅުން މަނާވާނެއެވެ. އަދި އެއްވެސް ފިހާރައަކަށް ވަނުމާއި، އެހެން ފަރާތްތަކާ ކޮންޓެކްޓް ވުމަކީވެސް މަނާކަމެކެވެ. މެޑިކަލް ހަދާ ނިމުމުން އެމީހުން ލަސްނުކޮށް ރިސޯޓްއަށް ދިއުމަށް އަންގާފައިވާކަމަށްވެސް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.
ތަފާސް ހިސާބުތަކަށް ބާލާއިރު، ބ.އަތޮޅު ހޮސްޕިޓަލަށް އަހަރެއްގެ މައްޗަށް ބޮޑު އާމްދަނީއެއް ލިބޭ މެޑިކަލް ހައްދައިދިނުމުގެ ހިދުމަތުން 2019 ވަނަ އަހަރު 4342 މެޑިކަލް ވަނީ ހައްދައިދީފައެވެ. ކޮންމެ މެޑިކަލްއަކަށް ހަތް ސަތޭކަ އަށްޑިހަ ރުފިޔާ ނަގާއިރު، މި ޙިދުމަތުން އެއަހަރު ދައުލަތަށް ތިން މިލިއަން ތިންލައްކަ އަށްޑިހަ ހަހާސް ހަތްސަތޭކަ ފަސްދޮޅަސް ރުފިޔާ ވަނީ ލިބިފައެވެ.
2020 ވަނަ އަހަރު ކޯވިޑް 19ގެ ބަލިމަޑުކާ ގުޅިގެން މިޙިދުމަތް ދީފައިވަނީ 3 މަސްދުވަހުއެވެ. މި މުއްދަތުގައި 1077 މެޑިކަލް ވަނީ ހައްދާފައެވެ. އެއަހަރު މިހިދުމަތުން އަށްލައްކަ ސާޅިސްހާސް ފަސްދޮޅަސް ރުފިޔާ ލިބިފައިވާކަމަށް ބ.އަތޮޅު ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ބ.އަތޮޅު ހޮސްޕިޓަލުން މެޑިކަލް ހައްދައިދިނުމުގެ ޙިދުމަތް ފޯރުކޮށްދޭން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖޫންމަހުން ފެށިގެންނެވެ. އެ ހޮސްޕިޓަލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2016 ވަނަ އަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި 8 ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ބިދޭސީންގެ މެޑިކަލް ޙިދުމަތުން ލިބިފައެވެ. އަދި 2017 ވަނަ އަހަރު 3.3 މިލިއަން ރުފިޔާ، 2018 ވަނަ އަހަރު 2.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިޙިދުމަތް ދިނުމުގައި އިމާރާތުގެ ދަތިކަން ހުރިކަން އެހޮސްޕިޓަލުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން މިކަމަށް ހައްލު ހޯދުމުގެ ގޮތުން އައު އިމާރާތެއް އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން އެ އިމާރާތް އެޅުމަށް ބޮޑު ބިމެއް އޭދަފުށިން ވަނީ ހެލްތް މިނިސްޓްރީއަށް ދޫކޮށްފައެވެ.