ވިޔަފާރި

2020 ވަނަ އަހަރު މީރާއަށް ބަލައިގަތް އާމްދަނީ %37.7 ދަށަށް


މިދިޔަ އަހަރު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް ބަލައިގަތް އާމްދަނީ %37.7 ދަށްވެފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

2020 ވަނަ އަހަރުގެ ތެރޭގައި މީރާއަށް ބަލައިގަތް ޖުމްލަ އާމްދަނީއަކީ 10.5 ބިލިއަން ރުފިޔާއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %41.1 ނުވަތަ 4.31 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ %18.0 ނުވަތަ 1.89 ބިލިއަން ރުފިޔާއެވެ. ބީ.ޕީ.ޓީގެ ގޮތުގައި 1.77 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 702.78 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 351.95 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. 2020 ވަނަ އަހަރު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 296.84 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

2020 ވަނަ އަހަރު މީރާއިން ބަލައިގަތް އާމްދަނީގެ ތެރެއިން 1.04 ބިލިއަން ރުފިޔާއަކީ ޑިސެމްބަރމަހު ލިބުނު އާމްދަނީއެވެ. މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހު ލިބުނު އާމްދަނީއަށްވުރެ %34.1 ދަށް އަދަދެވެ. 2019 ވަނަ އަހަރުގެ ޑިސެންބަރު މަހާއި އަޅާބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މީރާއަށް ބަލައިގަތް އާމްދަނީ ދަށްވެފައިވާ މައިގަނޑު ސަބަބެއްކަމަށް އެ އިދާރާއިން ބުނީ، ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ. މިގޮތުން، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.

ޑިސެންބަރު 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 404.66 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިންނެވެ. އެއީ 311.80 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 138.75 މިލިއަން ރުފިޔާ އިންކަމް ޓެކްސްގެ ގޮތުގައި 50.19 މިލިއަން ރުފިޔާ، ރެސިޑެންޓް ޕަރމިޓް ގޮތުގައި 26.19 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 105.69 މިލިއަން ރުފިޔާ ހިމެނޭކަމަށް މީރާއިން ބުނެއެވެ.