ޚަބަރު

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 704 ފްލެޓުގެ ކުލި ދެއްކުމަށް ލުއިތަކެއް


ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 704 ފްލެޓް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާވެފައިވާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއިގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ 704 ފްލެޓް ދޫކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުމަށް ޢުޛުރުވެރިވެފައިވާ ފަރާތްތަކުން، ނުދެއްކިވާ ފައިސާ ދެއްކުމަށް ލުއި ގޮތެއް ހަމަޖައްސައިދެއްވުމަށް އެ މިނިސްޓްރީގައި އެދެމުންދާކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް، ނުދެއްކި ހުރި ފައިސާއާއި ޖޫރިމަނާ، ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން 6 މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ނިންމާފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިކަމަށް އެދޭ ފަރާތްތަކުން މިމަހުގެ 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އައި.ޑީ ކާޑު ކޮޕީއާއި، ފްލެޓް ނަންބަރު އަދި ގުޅޭނެ ފޯން ނަންބަރު އެނގޭނެ ގޮތަށް ޕްލޭނިންގ މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް އެ މިނިސްޓްރީން ވަނީ އަންގަވާފައެވެ.

މިހާތަނަށް ޤަވާއިދުން ފައިސާ ދައްކާފައިނުވާ ފަރާތްތަކުގެ ތެރެއިން، 6 މަސް ދުވަހުގެ ލުޔަށް އެދި ހުށަނާޅާ ފަރާތްތަކާއި، 6 މަސް ދުވަހުގެ ލުއި ދެއްވުމަށް އެދި ހުށަހެޅުމަށްފަހު ސެޓްލްމަންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާމެދު، ފްލެޓް ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ފިޔަވަޅު އަޅާނެކަންވެސް އެ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ޗައިނާ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 704 ފްލެޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ. މި ފްލެޓުތަކުގެ މަސައްކަތް ނިންމާ މީހުން ދިރިއުޅެން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މިއީ ހުޅުމާލޭގައި ސޯޝަލް ހައުސިންގއަށް ޚާއްސަކޮށްގެން އެންމެފަހުން ދޫކޮށްފައިވާ ފްލެޓްތަކެވެ.