ތަޢުލީމު

ގިނަ ދުވަސްތަކަކަށްފަހު، ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުން އަލުން ސްކޫލަށް


2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާރމުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ދެވަނަ ޓާރމުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، ފައުންޑޭޝަން ލެވެލްއިން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުންނަށް ވަނީ ކިޔަވައިދޭން ފަށާފައެވެ. މިއީ ކޯވިޑް-19ގެ ހާލަތާގުޅިގެން ރާއްޖޭގެ ސްކޫލުތައް ދިގު މުއްދަތަކަށް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން މާލެއާއި އަތޮޅުތަކުގެ ސްކޫލުތައް ހުޅުވާލައިގެން ހުރިހާ ދަރިވަރުންނަށް ކިޔަވައިދޭން ފެށި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ސްކޫލްތައް އަލުން ހުޅުވާލާ ދަރިވަރުންނާއި މުދައްރިސުންނަށް ސްކޫލުތަކުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ދަރިވަރުން އަލުން ސްކޫލަށް ނުކުތީ، ކޯވިޑް-19އާ ގުޅިގެން އެޗް.ޕީ.އޭއާއި އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށެވެ. އެގޮތުން ދަރިވަރުންނާއި ޓީޗަރުން މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު، ގައިދުރުކަމަށް އިސްކަންދިނުމަށްޓަކާ ސްކޫލުތަކުގައި ވަނީ މާކުތައް ކުރަހާފައެވެ. އަދި އަތްދޮވެވޭނެ އިންތިޒާމާއި، ސެނިޓައިޒްކުރެވޭނެ އިންތިޒާމްވެސް ސްކޫލުތަކުގައި ހަމަޖައްސާފައިވެއެވެ. ހަމައެހެންމެ ދަރިވަރުންނާއި މުދައްރިސުން ސްކޫލަށް ވައްދަނީ ހުން ހުރިވަރު ބެލުމަށްފަހުގައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ސްކޫލްތައް ހުޅުވައިގެން ދިރާސީ އަހަރުގެ ދެވަނަ ޓަރމްގެ ކިޔެވުން ފަށާއިރު ސްކޫލުތައް 3 ބަޔަކަށް ވަނީ ބަހާލާފައެވެ.

އެގޮތުން ގައިދުރުކަން އިސްކުރުމާއެކު އެޗްޕީއޭގެ ގަވާއިދުތަކާއި އެއްގޮތަށް ހުރިހާ ކުދިންނަށް އެއްފަހަރާ ކިޔަވައިދިނުމުގެ ކަންކަން އެއް ސެޝަނަކަށް ކުރިޔަށް ގެންދެވޭ ސްކޫލްތަކާއި، ގައިދުރުކަން އިސްކުރުމާއެކު އެޗްޕީއޭގެ ގަވާއިދުތަކާއި އެއްގޮތަށް ދެ ސެޝަނަކަށް ބަހާލައިގެން ކިޔެވުން ކުރިޔަށް ގެންދަންޖެހޭ ސްކޫލްތަކުގައި ދަރިވަރުން ހަފްތާގެ 5 ދުވަހު ސްކޫލަށް ހާޒިރުވާން ޖެހޭނެއެވެ. އަދި ގައިދުރުކަން އިސްކުރުމާއެކު އެޗްޕީއޭގެ ގަވާއިދުތަކާއި އެއްގޮތަށް ދެ ދުވަހުން އެއްދުވަހު ގެންދާގޮތަށް ބަހާލައިގެން ކުރިޔަށް ގެންދަންޖެހޭ ސްކޫލްތަކުގައި ކުދިން ސްކޫލަށް ހާޒިރުވާން ޖެހޭނީ ދެދުވަހުން އެއްދުވަހުއެވެ. މި ރަށްރަށުގެ ކުދިންނަށް ދެ ހަފްތާގެ ތެރޭގައި ކޮންމެ ކުއްޖަކުވެސް 5 ދުވަހު ސްކޫލަށް ހާޒިރުވާން ޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތުދެއްވައެވެ.

ގައިދުރުކަން އިސްކޮށްގެން ކިޔަވައިދިނުމުގެ ކަންކަން ކުރިޔަށް ގެންދެވޭ ސްކޫލްތަކުގައި ކުދިންނަށް ކިޔަވައިދިނުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ސްކޫލަށް ކުދިން ގެންގޮސްގެނެވެ. އަދި ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށެއްނަމަވެސް ކޮންމެހެން ގެންދަން ޖެހިއްޖެ ހާލަތެއްގައި ގައިދުރުކަން އިސްކޮށް އެޗްޕީއޭގެ ގަވާއިދާއި އެއްގޮތަށް ސްކޫލަށް ގެންގޮސްގެން އަދި އޮންލައިންކޮށް ކިޔަވައިދިނުމުގެ ކަންކަން ރޭވިފައި ހުންނަށް ޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ އަންގާފައެވެ.

ރަށްރަށުގެ ހާލަތަށް ބަލާ ތިން ބަޔަކަށް ރަށްތައް ބަހާލައިފައިވާއިރު އެއީ ފުރަބަންދުގައިވާ ވާ ރަށްރަށާއި، މޮނިޓަރިންގް ގެ ހާލަތުގައިވާ ރަށްރަށުގެ އިތުރުން ކޯވިޑްގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ރަށްރަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިންގައި ވާގޮތުން ފުރަބަންދުގައިވާ ރަށްރަށުގެ ހުރިހާ ސްކޫލްއެއް ބަންދުވާނެއެވެ. އަދި މޮނިޓަރިންގެ ގެ ހާލަތުގައިވާ ރަށްރަށަށް ކިޔެވުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކަމަށްވާއިރު ކޯވިޑްގެ އެއްވެސް ކޭސްއެއް ނުފެންނަ ރަށްރަށުގައި ފައުންޑޭޝަން ކްލާސްތަކުން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔެވުން ކުރިޔަށް ގެންދާގޮތަށް ވަނީ ކަނޑައަޅާފައެވެ.

ގްރޭޑް އެކަކުން ފެށިގެން 12އިގެ ދަރިވަރުންނަށް ހަފްތާގެ 5 ދުވަހު، ކޮންމެ ދުވަހަކު ސެޝަންގެ ދިގުމިނަކީ 4 ގަޑިއިރާއި 5 ގަޑިއިރާއި ދެމެދެވެ. ފައުންޑޭޝަންގެ ދަރިވަރުންނަށް ސެޝަންގެ ދިގުމިނަކީ ހަފްތާގެ 5 ދުވަހު، ކޮންމެ ދުވަހަކު މަދުވެގެން 2 ގަޑިއިރެވެ. ސެޝަންގެ ތެރެއިން މަދުވެގެން 60 މިނިޓް ހޭދަކުރަންވާނީ ކުދިންގެ ހުން ބެލުމުގައާއި، އަތް ދޮވުމާއި، ހަރަކާތްތެރިވުމުގައިކަމަށް ގައިޑްލައިންގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުގެ ސަބަބުން 2020ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ ދެވަނަ ޓާރމުގެ ކިޔެވުން މިމަހުގެ 10 އިން ފެށިގެން ޖޫން މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. ދެވަނަ ޓާރމުގައި 113 ދުވަހު ކިޔަވައިދޭން ނިންމާފައިވާއިރު، 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އޯގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ.