ސިއްހަތު

ވައިރަލްހުމާއި އަރިދަފުސް ރޯގާ އަދި ބޭރަށްހިންގުން ފެތުރެމުންދަނީ


މި ދުވަސްވަރު
ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިރަލްހުމާއި އަރިދަފުސް ރޯގާ އަދި ބޭރަށްހިންގުން
ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކަޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.



ހެލްތު
ޕްރޮޓެކަޝަން އެޖެންސީން ބުނީ މި ބަލިތަކަކީ އެކެއްގެ ގައިން އަނެކަކުގެ ގަޔަށް
ފަސޭހައިން އަރާ ބަލިތަކަށްވާތީ މިފަދަ ރޯގާޖެހުމާއި ފެތުރުން ހުއްޓުވުމަށް ފަރުދީ
ފެންވަރުގައި މަސައްކަތްކުރަންޖެހޭކަމަށެވެ.



އެގޮތުން
އަރިދަފުސް ރޯގާއާއި ވައިރަލްހުމުން ރައްކާތެރިވުމަށް ކެއްސާ ކިނބިހި އަޅާއިރު
އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރުމަށާއި ސައިބޯނި ލައިގެން އަތްދޮވުމަށް އެ
އެޖެންސީން އިލްތިމާސްކުރެއެވެ. އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން
މަދުކުރުމާއި ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށާއި
ދުންފަތުގެ އިސްތިއުމާލުނުކުރުން، ގިނަގިނައިން ދިޔާއެއްޗެހި ދިނުމަށްވެސް އިރުޝާދު
ދީފައިވެއެވެ.



މީގެ އިތުރުން
ޕެރިސިޓަމޯލް ފިޔަވާ އިތުރު ބޭހެއް އަމިއްލައަށް ބޭނުންނުކުރުމަށާއި
ހުންއައިސްގެން ތިންދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް ހެލްތު
ޕްރޮޓެކަޝަން އެޖެންސީން  ވަނީ އިރުޝާދުދީފައެވެ.



ބޭރަށް ހިންގުމުން
ރައްކާތެރިވުމަށް ސާފުބޯފެން ބުއިމަށް ބޭނުންކުރުމަށާއި ކާބޯތަކެތި ރަގަޅަށް ކައްކައިގެން
ބޭނުންކުރުމާއި ރޯކޮށްކޮވޭ ކާނާ ރަގަޅަށް ދޮވެގެން ބޭނުންކުރުމަށްވެސް އެ
އެޖެންސީން އިލްތިމާސްކުރެއެވެ. އަދި ބޭރަށް ހިންގުން ޖެހިއްޖެނަމަ ގިނަގިނައިން
ދިޔާއެއްޗެހި ބޭނުންކޮށް ޚާއްސަކޮށް ލޮނުޕެކެޓް ބޭނުންކޮށް ދިޔާއެއްޗެހި ބޭނުން
ނުކުރެވޭނަމަ ނުވަތަ މާބޮޑަށް ވަރުދެރަވާނަމަ ޑޮކްޓަރެއްގެ ލަފާހޯދުމަށްވެސް
އިރުޝާދުދީފައިވެއެވެ.