ޚަބަރު

ކޯވިޑް-19 : ރިސޯޓުތަކުގެ ކޭސްތައް އިތުރުވުން އައުޓްބްރޭކްތައް އަތުވެދާނެކަމުގެ އިންޒާރެއް


ރިސޯޓުތަކުން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ގިނަ ރިސޯޓުތަކެއް އައުޓްބްރޭކަކަށް ހިނގައިދާނެކަމުގެ އިންޒާރު ޓެގް ޓީމުން ދެއްވައިފިއެވެ. ޓެގް ޓީމުން މިގޮތަށް އިންޒާރު ދީފައިމިވަނީ ރާއްޖޭގެ ރިސޯޓަކުން އެތައް ބަޔަކު ޕޮޒިޓިވްވެ އައުޓްބްރޭކެއް އައިސްފައިވާ ކަމަށް އެޗްއީއޯސީން ހާމަކުރަައްވާފައިވަނިކޮށެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ ވޭތުވެދިޔަ މަހެއްހާ ދުވަސްތެރޭގައި ކޯވިޑަށް ޕޮޒިޓިވްވާ ކޭސްތަކުގެ އާ ޓްރެންޑެއް ފާހަގަވެފައިވާކަމަށެވެ. އެގޮތުން ފަތުރުވެރިންނަށް ޚިދުމަތްދެމުން އަންނަ ތަންތަނުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ޑރ.ޝަހީދުވަނީ ފާހަގަކުރައްވާފައެވެ. މީގެ މަސްތަކެއް ކުރިން ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު 50ހާއި 60 އާ ދެމެދުގައި ހިފެހެއްޓިފައި ހުރި ނަމަވެސް މިހާރު މިއަދަދު 100 އިން މައްޗަށް އަރާފައިވާކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. ޑރ.ޝަހީދު ވިދާޅުވީ މިއީ ކުރިންވެސް އަންނާނެކަމަށް ލަފާކޮށްފައިވާ ޙާލަތެއްކަމަށެވެ. އެއީ ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް އިތުރުވުމާއި ފަތުރުވެރިން އަންނަނީ ހައިރިސްކް ޤައުމުތަކުންކަމަށްވާތީ ކަމަށް ޑރ.ޝަހީދުވަނީ ފާހަގަކުރައްވާފައެވެ.

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ކޯވިޑަސް ގިނަބަޔަކު ޕޮޒިޓިވްވެ އައުޓްބްރޭކަކަށް ދިޔުމުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަން ފާހަގަކުރައްވާ، މިފަދަ ތަންތަނުން ރައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދިނުމަށް ޑރ.ޝަހީދުވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާނަމަ ގިނަ ރިސޯޓުތަކެއް އައުޓްބްރޭކަށް ހިނގައިދާނެކަމުގެ އިންޒާރުވެސް ޑރ.ޝަހީދުވަނީ ދެއްވާފައެވެ.

"ރިސޯޓެއްގައި އައުޓްބްރޭކެއް އައުމުން ވަރަށް ގިނަ ދަތިތަކާ އެބަ ކުރިމަތިލާންޖެހޭ. އެގޮތުން ރިސޯޓުގެ އޮޕަރޭޝަންސްތައް ހުއްޓުމަކަށް އައުމާ އައިސްތިބި ފަތުރުވެރިންނަށް ދަތިތަކެއް ކުރިމަތިވުމާއި ގިނަ ދުވަސްތަކެއް ވަންދެން ރިސޯޓުގެ އޮޕަރޭޝަންސްތައް ހުއްޓިފައި އޮތުން. އެހެންކަމުން މިޙާލަތު އަޔަނުދިނުމަށް ވަރަށް ޚާއްސަ އިސްކަމެއް އެބަދޭންޖެހޭ ކޭސްތައް އަވަހަށް ދެނެގަތުމަށް." ޑރ.ޝަހީދު ވިދާޅުވިއެވެ.

އަވަހަށް ކޭސްތައް ދެނެގަނެވި އަވަހަށް އެކަހެރިކުރެވުމަކީ އައުޓްބްރޭކެއް އަޔަނުދިނުމަށް އެޅޭނެ އެއްމެ މުހިއްމު ފިޔަވަޅުކަމަށާއި، ބަލީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ މުވައްޒަފުންނާއި ފަތުރުވެރިންވެސް އެކަހެރިކުރުމަށް ޑރ.ޝަހީދުވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ޑރ.ޝަހީދު އިލްތިމާސްކުރެއްވިއެވެ.

"ގިނަފަހަރަށް މުވައްޒަފުންގެ އެކޮމޮޑޭޝަން ހުންނަނީ ޝެއާކުރާ ގޮތަށް. އެހެންކަމުން ވަރަށް ސަމާލުވާންޖެހޭނެ އެކެއްގެ ކިބައިން އަނެކެއްގެ ކިބަޔަށް ބަލި ފެތުރިގެން ނުދާނެ ގޮތަކަށް ޢަމަލުތައް ބެހެއްޓުމަށް." ޑރ.ޝަހީދު ވިދާޅުވިއެވެ.

ކޯވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލި ފަހުން ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން މިހާތަނަށް 108 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ފަތުރުވެރިންނަށް ޚިދުމަތްދޭ ރިސޯޓުތަކުގައި މެޑިކަލް އޮފިސަރުން ތިބެންޖެހެއެވެ. އެހެން ކަނޑައަޅާފައިވަނީ ބަލި އަވަހަށް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ. އެގޮތުން ރިސޯޓުތަކުން އައުޓްބްރޭކެއް އަޔަނުދިނުމަށް އެޗްޕީއޭގެ ގައިޑްލައިނަށް މެނޭޖްމަންޓާއި މުވައްޒަފުން ސަމާލުވުމަށްވަނީ ޓެގް ޓީމުންވަނީ އިލްތިމާސްކުރައްވާފައެވެ.