ޚަބަރު

ކޯވިޑް-19 : 7 މީހަކު ޕޮޒިޓިވްވެ ދެއްވަދުއަށް އަރައިފޭބުން މަނާކޮށްފި


ކޯވިޑް-19އަށް ޕޮޒިޓިވްވި ކުޑަ ކުއްޖަކާ ކޮންޓެކްޓިވް ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން ގއ.ދެއްވަދުއަށް އަރައިފޭބުން މަނާކޮށްފިއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދެއްވަދޫ ކައުންސިލުން ވިދާޅުވީ އެރަށުގައި ހޯމްކަރަންޓީންގައި ހުރި ކުޑަ ކުއްޖަކާ ބައްދަލުވި ބަޔަކު ޕޮޒިޓިވްވެފައިވާކަމަށެވެ. ދެއްވަދޫން ޖުމްލަ 7 މީހަކު ޕޮޒިޓިވްވެފައިވާއިރު މީގެތެރޭގައި ޢުމުރުން ދުވަސްވީ ހައިރިސްކް މީހަކުވެސް ހިމެނޭކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

މީގެ ތެރޭގައި މުޅިންވެސް ހިމެނެނީ އެގޭގައި ނޫޅޭ މީހުންކަން ކައުންސިލުން ވިދާޅުވެއެވެ. އަދި މިކޭސްއާ ގުޅިގެން އެޢާއިލާއަށް ނިސްބަތްވާ، މިގޭގައި ދިރިއުޅޭ މީހަކު މިހާތަނަށް ޕޮޒިޓިވް ނުވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ކައުންސިލުން ވިދާޅުވީ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މުޖުތަމަޢަށް ބަލި ފެތުރޭ ޙާލަތެއް އޮތުމުން މިހާރުން ފެށިގެން ޖަމާޢަތުގައި ނަމާދުކުރުމާއި ރަށަށް އަރާފޭބުންވަނީ މަނާކޮށްފައިކަމަށެވެ. މި ކޭސްތަކާ ގުޅިގެން ދެއްވަދޫގައި އޮންނަ ކޯވިޑް ޓާސްކް ފޯހުން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަމުން އަންނަކަމަށް ކައުންސިލުން ވިދާޅުވެއެވެ.