ޚަބަރު

ކައުންސިލް އިންތިޚާބު ބާއްވަން ޤާނޫނަށް އިސްލާޙު ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި


ކައުންސިލް އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް ކަމާގުޅޭ ބިލެއް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުވާނެކަމަށް ދަޢުލަތުގެ ބަންޑާރަ ނާއިބު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައި ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ބައެއް ހުރަސްތަކަށް ޙައްލު ހޯދުމަށް ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020އަށް އިޞްލާޙުގެނައުމަށް ކަމާބެހޭ ބިލެއް އެކުލަވާލަމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށެވެ.

އަދި އެބިލު ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށްވެސް ބަންޑާރައި ނާއިބު ވިދާޅުވިއެވެ.

2020ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ހަމަޖެހުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކޯވިޑް-19އާ ގުޅިގެން ބޭއްވޭގޮތް ނުވުމުން ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނެއް އެކުލަވާލިއެވެ. އެޤާނޫނުގެ ދަށުން މިހާރު މިއޮތް ޙާލަތުގައި އިންތިޚާބު ބޭއްބުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލުމުގެ ސަބަބުން ޚާއްސަ ޤާނޫނުގެ ދަށުން އިންތިޚާބު ބާއްވަން ކަނޑައެޅި ތާރީޚުގައިވެސް އިންތިޚާބު ނުބޭއްވޭނަކަން މިހާރުވަނީ ޔަޤީންވެފައެވެ. މިގޮތަށް ދިމާވެފައިވަނީ ކައުންސިލް އިންތިޚާބާއި ގުޅޭ ޚާއްސަ ޤާނޫނުގައިވާ ބައެއް މާއްދާތަކުގެ ސަބަބުން ކަމަށާއި، ދެން އިންތިޚާބު ބޭއްވޭނީ ޤާނޫނަށް ބަދަލުގެނެސްގެންކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މިއާއެކު މިކަމުގައި ހުރި ޤާނޫނީ ހުރަސްތައް ނައްތާލައި، މިމަސް ނިމުމުގެ ކުރިން އަމަލުކުރަން ފެށިއްޖެނަމަ، ރަމަޟާން މަސް ފެށުމުގެ ކުރިން އަންނަ އޭޕްރީލްމަހުގެ 3ގައި އިންތީޚާބު ބޭއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ބައެއް ހުރަސްތަކަށް ޙައްލު ހޯދުމަށް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020އަށް އިޞްލާޙުގެނައުމަށް ކަމާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު،
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުން މުހިއްމުކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

އަންނަ ފެބްރުއަރީ މަހުގެ 4ވަނަ ދުވަހު ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވަން ނިންމާފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭނެ މަގެއް ހޯދުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން މިހާރުވަނީ ފަށާފައެވެ.