ކުޅިވަރު

ފޯމިއުލަރ ވަން ކާރުރޭސް މުބާރާތުގެ ސީޒަން ހުޅުވުން ފަސްކުރުން


ފޯމިއުލަރ ވަން ކާރުރޭސް މުބާރާތުގެ ސީޒަން ހުޅުވާ އޮސްޓްރޭލިއަން ގްރޯން ޕްރީގެ ރޭސް ކޮރޯނާ ވައިރަސްގެ ސަބަބުން ފަސް ކުރަން ޖެހިދާނެކަމަށް ބެލެވެން ފަށައިފިއެވެ. މިރޭސް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރޗްމަހުގެ 19 އިން 21 އަށް މެލްބަންގައެވެ.

އޮސްޓްރޭލިއަން ގްރޯން ޕްރީ ކޯޕަރޭޝަން އާއި ފޯމިއުލަރ ވަންގެ އިސް ވެރިން މިހާރުދަނީ ރޭސް ބާއްވާ ތާރީހާމެދު އޮސްޓްރޭލިއާ ސަރުކާރާއެކު މަޝްވަރާ ކުރަމުންނެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ހާމަކުރާގޮތުގައި އޮސްޓްރޭލިއާގައި ބާއްވާ ބޮޑެތި އިވެންޓްތައް އަހަރުގެ ކަލަންޑަރުގައި ވާގޮތަށް ބޭއްވުމަށް މަސައްކަތް ކުރާއިރު ބޮޑަށް އިސްކަންދޭނީ އާންމު ރައްޔިތުންގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ.

އޮސްޓްރޭލިއަނ ގްރޯން ޕްރީ ކޯޕަރޭޝަންއިން ހާމަކުރިގޮތުގައި މިހާރު ކުރެވޭ މަޝްވަރާތަކުގައި ނިންމޭ ގޮތްތަކެއް ކުރިއަށް އޮތް ހަފްތާތަކުގައި ހުރިހާ ފަރާތްތަކާއއި އެކު ހިއްސާ ކުރާނެއެ. ފޯމިއުލަރ ވަންގެ ތަރުޖަމާނު ހާމަކުރިގޮތުގައި ސީޒަން މިއަހަރުގެ މާރޗްމަހު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް އާސިޒަން ފަށާނީ ކޮން ރޭހަކުން ކަމެއް ހާމައެއް ނުކުރެއެވެ. އެއީ ބަހްރެއިން ގްރޯން ޕްރީ ވެސް އޮންނަނީ މާރޗް މަހުގައި ކަމަށްވާތީއެވެ.

މިދިޔަ އަހަރުގެ އޮސްޓްރޭލިއަން ގްރޯން ޕްރީވަނީ ފުރަތަމަ ޕްރެކްޓިސް ފެށެން ދެތިން ގަޑިއިރަށް ވެފައިވަނިކޮށް މެކްލަރަން ޓީމްގެ މެންބަރަކަށް ކޮރޯނާ ވައިރަސް ޖެހުމުން ވަނީ ހުއްޓާލާފައެވެ. އަދި މިދިޔަ ސީޒަން އެންމެ ފަހުން ފަށާފައިވަނީ ޖުލައިމަހުގެ ތެރޭގައި އޮސްޓްރިއާއިންނެވެ. އަދި ކޮރޯނާ ވައިރަހުގެ ސަބަބުން މިދިޔަ އަހަރުގެ ސީޒަންގެ ރޭހުގެ އަދަދު ވަނީ 22 އިން 17 އަށް ތިރިކޮށް ގިނަ ރޭސްތަކެއް ރީ ޝެޑިއުލް ކޮށްފައެވެ.