ޚަބަރު

ހެލްތު މިނިސްޓްރީގެ އޮޑިޓް 2017 : ބައެއް މަޝްރޫޢުތައް ހިންގީ މާލިއްޔަތު ޤަވާޢިދާ ޚިލާފަށް


2017ވަނަ އަހަރު އައިޖީއެމްއެޗްގައި ކުރިއަށްގެންދިޔަ ބައެއް މަޝްރޫޢުތައް ހިންގާފައިވަނީ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް ނޫންކަން ހެލްތު މިނިސްޓްރީގެ 2017ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ހެލްތް މިނިސްޓްރީގެ 2017ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވަނީ އެމިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުތަކާއި ބައެއް ޚިދުމަތްތައް ހޯދުމުގައި މާލިއްޔަތު ޤަވާޢިދާ ޚިލާފަށް ކޮށްފައިވާ ކަންކަން ވަނީ ހާމަކޮށްފައެވެ. އަދި އެއަހަރު އައިޖީއެމްއެޗްގެ ބައެއް ތަންތަން ހެދުމުގައި އުސޫލުތަކާ ޚިލާފަށް ކަންކަން ހިންގާފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެތެރޭގައި އައިޖީއެމްއެޗްގައި ޢާންމުން ބޭނުންކުރުމަށް ފާޚާނާ ބަރިއެއް ހެދުމަށް ޖުމުލަ 4,801,599 (ހަތަރު މިލިއަން އަށް ސަތޭކަ އެއް ހާސް ފަސް ސަތޭކަ ނުވަދިހަ ނުވައެއް) ރުފިޔާ ޚަރަދުކޮށްފައިވަނީ މާލިއްޔަތުގެ ޤަވާޢިދުގައި އެފަދަ މަސައަކަތް ކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް، ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ނޫންކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ހަމަ އެހަރު އައިޖީއެމްއެޗްގެ އެކްސްރޭ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް 3,860,671 (ތިން މިލިއަން އަށް ސަތޭކަ ފަސްދޮޅަސް ހާސް ހަ ސަތޭކަ ހަތްދިހަ އެއް) ރުފިޔާއަށް ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް)އާ ޙަވާލުކޮށްފައިވަނީވެސް ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ނޫންކަންކަމާއި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުވެސް ކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

މިމައްސަކަތް ކުުރުމަށް މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ވަރަށް ވުރެ އިތުރަށް 310050 (ތިން ލައްކަ ދިހަ ހާސް ފަންސާސް) ރުފިޔާ އެޑްވާންސް ފައިސާގެ ގޮތުގައި ދީފައިވާކަން މިރިޕޯޓުން އެނގެއެވެ. މީގެ އިތުރުން އައިޖީއެމްއެޗަށް ރޭޑިއޮލޮޖިސްޓުން ހޯދުމަށް އިއުލާންކޮށްގެން އަންދާސީ ހިސާބު ހޯދާފައިނުވުމާއި، އެކަން ކުރުމުގައި އެއްބަސްވުމެއް ތައްޔާރުކޮށްފައިނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި އިތުރު ބައެއް ކަންކަމަށް ބަލާއިރު، 2014ވަނަ އަހަރު ފަށާފައިވާ ހުސްނުވާ އާސަންދައިގެ ދަށުން މެޑިކަލް ވެލްފެއަރގެ އެހީ ދިނުމަށް އެކުލަވާލާފައިވާ އާންމު އުސޫލާ ޚިލާފަށް ބައެއް މީހުންނަށް ރާއްޖެއިން ބޭސްފަރުވާ ކުރުމަށް އެހީގެ ގޮތުގައި އެތައް މިލިޔަން ރުފިޔާ ދީފައިވާކަމާއި، އެ ފައިސާ ޚަރަދު ކޮށްފައިވަނީ މާލީ އެހީއަށް ބޭނުންޖެހިފައިވާ މީހުންކަން ޔަޤީންކޮށްފައިވެސް ނޫންކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ހާމަކޮށްފައެވެ.