ތަރައްްޤީ

ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ފަށައިފި


ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ދެނެގަތުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރާސާއެއް ކުރަން ފަށައިފިއެވެ.

މި ދިރާސާއަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯނުގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރިއަށްގެންދާ ދިރާސާއެކެވެ. "މޯލްޑިވްސް ހައުސިންގ މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ"ގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާގެ މަސައްކަތް އެކި ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އަންނަމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މި ދިރާސާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފޯން މެދުވެރިކޮށްކަަމަށެވެ. މި ދިރާސާ ކުރުމަށްޓަކައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ގުޅާނެ ނަމްބަރުތައް ވަނީ އެ މިނިސްޓްރީގެ ވެބްސައިޓާއި، މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފައެވެ.

މި ދިރާސާ މެދުވެރިކޮށް އެއްކުރާ މަޢުލޫމާތުގެ ތެރޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ މިންވަރާއި، މިހާރު ދިރިއުޅޭ ގޭބީސީގެ ޙާލަތާއި، ގޭބިސީގައި ދިރިއުޅޭ މީހުންގެ އަދަދާއި، އަމިއްލަ މިލްކިއްޔާތުގައި ހިމެނޭ ހިޔާވަހިކަމާއި، ގޯތިގެދޮރާއި ގުޅޭ މަޢުލޫމާތާއި، ބޯހިޔާވަހިކަން ހޯދުމުގައި ގޯތިގެދޮރު މިލްކުކުރުމަށް ސަރުކާރުގެ ފަރާތުން ލިބުމަށް އެދޭ އެހީތެރިކަމާއި، ބޯހިޔާވަހިކަމަށް ކުރާ ހޭދަ ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު ހިމެނޭކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި ދިރާސާއިން ހޯދާ މަޢުލޫމާތުގެ ތެރެއިން ޝާއިޢު ކުރެވޭނީ، ދިރާސާގައި އެއްކުރެވޭ މަޢުލޫމާތުގެ ޖުމްލަ އަދަދުތަކަށް ބިނާކޮށް ހޯދޭ ހޯދުންތައްކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދިރާސާގެ ބައިވެރިންގެ ޒާތީ އެއްވެސް މަޢުލޫމާތެއް ހާމަނުކުރާނެކަމަށާއި، މި ދިރާސާގައި އެއްކުރާ އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާއި ހިއްސާ ނުކުރާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޕްލޭނިންގ މިނިސްޓްރީން ކުރިއަށްގެންދާ މި ދިރާސާއަކީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ދިރާސާ ކުރުމުގެ ހުއްދަ ލިބިގެން ކުރިޔަށްގެންދާ ދިރާސާއެކެވެ. މި ދިރާސާގެ ޒަރިއްޔާއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ސަރުކާރުން އެކަށައަޅާ ރާއްޖޭގެ ބޯހިޔާވަހިކަމާއިގުޅޭ ސިޔާސަތުތަށް އެކުލަވާލުމާއި ތަންފީޛުކުރުން ހަރުދަނާކުރުމަށް މަގުފަހިވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ފާހަގަކުރައްވައެވެ.

ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރިއަށްގެންދާއިރު 2022 ވަނަ އަހަރު ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން ކުރިއަށްގެންދިޔުމަށްވެސް ވަނީ ނިންމާފައެވެ.