ޚަބަރު

ނަދީމުގެ މަރުގެ މައްސަލާގައި ހިމެނޭ ކުއްޖާ އަލުން ބަންދުކޮށްފި


މާލޭގެ ޓާމިނަލް ކެފޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޒުވާނާގެ މަރުގައި މައްސަލާގައި ހައްޔަރުކޮށްފައި ހުއްޓާ ޖުވައިނަލްކޯޓުން ދޫކޮށްލި ކުއްޖާ އަލުން ހައްޔަރުކޮށްފިއެވެ.

ހއ. ތަކަންދޫ، އިބްރާހިމީހިޔާ ނަދީމް އިބްރާހިމްގެ ބޮލަށް ތޫނު އެއްޗަކުން ހަމަލީދީ އޭނާ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ. މި މައްސަލާގައި މި ކުޑަކުއްޖާގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒާއި ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި ގ. ޝާރާޒް، މުހައްމަދު މަފާޒުގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.

މި މައްސަލާ ގައި ދައުލަތުން އޭރު ދައުވާކުރި ކުއްޖާއަށް މިހާރު ވަނީ 18 އަހަރު ފުރިފައެވެ. މި ކުއްޖާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައި މި ކުއްޖާ ބަންދުކޮށްފައި ހުއްޓާ ޖުވައިނަލްކޯޓުން ދޫކޮށްލަން ނިންމެވީ އެކޯޓްގެ އިސްގާޒީގެ ގޮތުގައި އޭރު ހުންނެވި އަބްދުލްބާރީ ޔޫސުފްއެވެ. ބަންދުން ދޫކޮށްލުމަށް ގާޒީ ބާރީ ނިންމެވީ ދައުވާކުރީ ޤާނުނުގައި ބުނާ މުއްދަތު ހަމަވިފަހުންކަމަށް ބުނެއެވެ.

ޖުވައިނަލް ކޯޓުގެ މި ނިންމުން ދައުލަތުން ވަނީ ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ. އެކޯޓުން ނިންމާފައިވަނީ މި މައްސަލަ އަލުން ޖުވައިނަލްކޯޓުން ބަލަންޖެހޭކަމަށެވެ. އަދި އެ ކުއްޖާގެ ބަންދާއި މެދު ގޮތެއް ޖުވައިނަލްކޯޓުން ނިންމުމަށްވެސް ހައިކޯޓުގެ ހުކުމްގައިވެއެވެ.

ހައިކޯޓްގެ މި ހުކުމާއި އެއްގޮތަށް މި މައްސަލަ ޖުވައިނަލްކޯޓުން ވަނީ އަލުން ބަލަން ފަށާފައެވެ. އަދި އެ ޝަރީއަތް ނިމެންދެން އެ ކުއްޖާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނަދީމް މަރާލި މައްސަލާގައި މުހައްމަދު މަފާޒުގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައި ހިމެނޭ ދެން ތިބި މީހުންނަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.

ނަދީމަށް ބަޔަކު ހަމަލާދީނީ ރާވައިގެން އެކަމަށް ތައްޔާރުވެގެންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް އެމީހުން ކުރީ އޭރު މާލޭގައި ހިނގި ސިލްސިލާ މާރާމާރީތަކުގެ ތެރެއިން އުފެދުނު ރުޅިވެރިކަމުގެ ތެރެެއިންކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.