ޚަބަރު

މުޅި ރާއްޖެއަށް މިއަދު ވިއްސާރަކުރާނެ، މޫސުމަށް ސަމާލުވޭ


މިއަދު މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށާ، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި އެންމެ ދެކުނުުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލަރޓްވެސް ނެރެފައެވެ. މި އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 9:15 އިން މެންދުރު އެކެއް ޖެހުމާހަމައަށެވެ. ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ކަނޑުތައް ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުތަކުގެ އުސްމިނުގައި ގާތްގަނދަކަށް 2 ފޫޓާއި 5 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އިރުވައި މޫސުމުގެ ވިއްސާރަކަމަށާއި، ކުރިއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެހެންކަމުން ހުުރިހާ ފަރާތްތަކަކުންވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާގެ ރިކޯޑްތައް ދައްކާގޮތުން ފާއިތުވވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުންކަމަށް ރިކޯޑްކޮށްފައިވަނީ ގއ. ކޫއްޑޫއަށެވެ. އެރަށަށް 41.4 މިލިމީޓަަރުގެ ވާރޭ ވެހިފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.