އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތުގެ ތެތެރެއިން އެ މަރުކަޒުގެ އެތެރޭގެ ބައެއް މަސައްކަތް ނިމި، ގުއްބާއި މުންނާރު މަރާމާތުކުރަން ތައްޔާރުވެފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.
މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޡަމް ހުންނަ އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި އެސަރަހައްދު ރަނގަޅަށް ނުބަލަހައްޓާކަމަށްބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުންތަކެއް ދާދިފަހުންވަނީ ހިއްސާކޮށްފައެވެ.
އިސްލާމީ މަރުކަޒުގެ ވަސީލަތްތައް އާކޮށް، މަރާމާތުކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެތެރޭގައި ފާށާފައިވާއިރު، މިހާރު ފެންމަތިވެގެން އުޅޭ ޝަކުވާތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ކުރެއްވި ޓުވީޓެއްގައިވަނީ އިސްލާމީ މަރުކަޒާއި އެސަރަހައްދުގައި ކުރެވޭ މަރާމާތާއި އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ސަޢޫދީއަރަބިއްޔާގެ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ޚަލީފާ ބިން ޒައިދު އަލް ނަޙްޔާން ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން ކުރެވޭ އެމަސައްކަތުގެ ދަށުން އިސްލާމީ މަރުކަޒުގެ އެތެރޭގެ ބައެއް މަސައްކަތް ނިމި ބޭރުގެ ބައެއް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޡަމްގެ ގުއްބާއި މުންނާރުގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ތައްޔާރުވެފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ސަޢޫދީގެ ޚަލީފާ ފައުންޑޭޝަނާއި ގުޅިގެން ހިންގާ މަޝްރޫޢުގެދަށުން މިސްކިތުގެ ސައުންޑް ސިސްޓަމާއި، ހުރިހާ ބޮކިތަކާއި ފަންކާތައް މިހާރު ބަދަލުކޮށް ނިމިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިސްކިތުގެ އެތެރޭގައި އެއްކޮށް ކުލަލުމާއި، ލަކުޑީގެ ބައިތައް ސާފުކޮށް އަލުން ވަރނިޝް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރުމަށް ހަމަޖެހިފައިވަނީ މިސްކިތުގެ ޓިނު ބަދަލުކުރުމާއި، މިސްކިތުގެ ގުއްބާއި ކާޕެޓުތައް ބަދަލުކުރުމުގެ މަސައްކަތެކެވެ. މީގެއިތުރުން މިސްކިތުގައި ބޮޑު 2 ފަންކާ ހަރުކުރުމާއި، މިސްކިތުގެ 4 ޗާންދަލިއާވެސް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ. މި މަސައްކަތް ކުރިނަމަވެސް މިސްކިތުގެ އެއްވެސް ޑިޒައިނަކަށް ބަދަލެއް ނުގެންނާނެކަން އިސްލާމިކް މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.
މިސްކިތްތައް ބެލެހެއްޓުން 2019 ވަނަ އަހަރު ކަނޑައަޅާފައި އޮތް ބަޖެޓާއި އެކު ކައުންސިލްތަކާއި ހަވާލު ކޮށްފައިވީނަމަވެސް އިސްލާމީ މަރުކަޒުގެ ކަންކަން ބަލަހައްޓަނީ ސީދާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.