ޚަބަރު

ބ.ފުޅަދޫ އާ އިންޖީނުގެ ފެބްރުއަރީމަހު ހުޅުވަނީ


ބ.ފުޅަދޫ އާ އިންޖީނުގެ މިއަހަރުގެ ފެބްރުއަރީމަހު ހުޅުވޭނެކަމަށް އެރަށު ފެނަކަ އޮފީހުން ބުނެފިއެވެ.

ބ.ފުޅަދޫގައި އަލަށް ހެދި މި އިންޖީނުގޭގެ އިމާރާތުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. އިންޖީނުގެ ނުހުޅުވި ލަސްވަމުންދަނީ ރަށުގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓު ކޭބަލް ނެޓްވާކް އަލުން އަޅަންޖެހޭތީއާއި އާ ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުންދާތީކަމަށް ފެނަކައިން ބުނެއެވެ. އަލަށް ހެދި މި އިންޖިނުގޭގައި މިހާރު ކުރިއަށްދަނީ ރޭޑިއޭޓަރތައް ހަރުކުރުމުގެ މަސައްކަތާއި ޕެނަލް ބޯޑު އިންސްޓޯލް ކުރުމުގެ މަސައްކަތްތައްކަމަށް ފެނަކަ ފުޅަދޫ އޮފީހުން ބުނެއެވެ.

މިހާރު އެ ރަށުގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުން ކުރަނީ 160 އާއި 128 އާ 80 ކިލޯވޮޓުގެ 3 ޖަނަރޭޓަރެވެ. އާ އިންޖީނުގެ ހުޅުވާނީ 250 ކިލޯ ވޮޓުގެ އާ އިންޖީނަކާއެކުކަމަށް ފެނަކަ ފުޅަދޫ އޮފީހުން ބުނެއެވެ. ފުޅަދޫ ފެނަކަ އޮފީހުން ބުނީ މިވަގުތު އެ ރަށުގައި ކަރަންޓު ބޭނުން ކުރާ އަދަދު މަދުވި ނަމަވެސް ގެސްޓްހައުސްތައް އަލުން ހުޅުވުމުން އިންޖީނުތަކަށް ބާރުބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ދިމާވެދާނެ ކަރަންޓް ކެނޑުންފަދަ ކަންތައްތަކަށް އާ އިންޖީނުގެއާއެކު ހައްލު ލިބިގެން ދާނެކަމަށް ޤަބޫލުކުރާ ކަމަށްވެސް ފުޅަދޫ ފެނަކަ އޮފީހުން ބުނެއެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި އާ އިންޖީނުގޭގައި އިންޖީން ރޫމްއަކާ އެކު ޕެނަލް ރޫމްއެއްގެ އިތުރުން އޮފީސް ބައެއްވެސް ހުންނާނެއެވެ.
ބ.ފުޅަދޫއަކީ ގިނަ އަދަދަކަށް ގެސްޓްހައުސް ހިންގާ ރަށަކަށްވުމުން ކަރަންޓުގެ ވިއުގަ ރަގަޅުނުކޮށް މި ވިޔަފާރި ފުޅާކޮށް ދެމެހެއްޓުމަށް ދަތިތަކެއް ހުރިކަން އެރަށު ރައްޔިތުންނާއި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކުން ބުނެއެވެ.