ޚަބަރު

ވެލެންސިޔާއަކީ ވަރުގަދަ ޓީމެއް - ނަމަވެސް އީގަލްސް ޓީމަށް ބަދަލްތަކެއް އަންނާނެ: މޯހަން


ކުލަބް ވެލެންސިޔާއަކީ ވަރުގަދަ ޓީމެއްކަމަށާއި ނަމަވެސް މިމެޗަށް ނިކުންނައިރު، އީގަލްސް ޓީމުން ބަދަލްތަކެއް ފެންނާނެކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ވާދަކުރާނީ ކުލަބް އީގަލްސް އާއި ކުލަބް ވެލެންސިޔާއެވެ. މިމެޗަށް ނިކުތުމުގެ ކުރިން ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން)ބުނީ ވެލެންސިޔާ މެޗުގައި ޓީމަށް ބޮޑު ބަދަލެއް ގެންނަން ވިސްނާފައިވާކަމަށާއި އާންމުކޮށް ފުރަތަމަ 11ގައި ނުކުޅޭ ބައެއް ކުޅުންތެރިން މިމެޗްގެ ފުރަތަމަ 11އިން ފެނުމުގެ ފުރުސަތު ބޮޑުކަމަށް މޯހަން ބުންޏެވެ.

ލީގުގައި މިހާތަނަށް ހޯދި ނަތީޖާތަކުގެ ސަބަބުން ކުޅުންތެރިން މާޔޫސްވެފައި ތިބިނަމަވެސް، މިހާރު އެކަން ރަގަނޅު ވެއްޖެކަމަށާއި މެޗުތަކުން ބަލިވީ ޓީމުގެ ކުޅުންތެރިން މަސައްކަތް ނުކޮށްގެން ނޫންކަމަށްވެސް މޯހަން ބުންޏެވެ. އަދި މިމެޗަށް ނިކުންނައިރު، ކުލަބް އީގަލްސްގެ ހުރިހާ ކުޅުންތެރިން ތިބީ ވަރަށް ފިޓްކޮށްކަމަށާއި އަނިޔާގެ ސަބަބުން ކުރިން މެޗުގައި ނުކުޅެވުނު ހަންނަ މިމެޗުގައި ފެނުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށްވެސް މޯހަން ބުންޏެވެ. އަދި މިވަގުތު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ މައްސަލައެއް ނެތި ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި ފަރިތަކުރުންތަކުގައި ބައިވެރިވާތަން ފެނުންކަމަށްވެސް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ. އަދި ވެލެންސިޔާ މެޗް ކާމިޔާބުކުރަން ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ބޭނުންވާކަމަށް މޯހަން ބުންޏެވެ.

"ކުލަބް ވެލެންސިޔާ މިފަހަރު މިފެންނަނީ ވަރަށް ވަރުގަދަކޮށް، ރާއްޖޭގައި ތިބި މޮޅެތި ކުޅުންތެރިން ގެންގޮސްގެން އެެޓީމުވަނީ ވަރަށް ވަރުގަދަ ޓީމެއް އެކުލަވާލައިފައި. ވެލެންސިޔާ ލީގުގައި މިހާތަނަށް ކުޅުނު 3 މެޗުގައިވެސް ވަރަށް ރަގަނޅު ނަތީޖާތަކެއް ހޯދާފައިވަނީ، ބައިކޮޅަށް ގޯލެއް އަދި ނުވަދޭ. އެހެންވީމަ މިމެޗު ކާމިޔާބުކުރަން ބޭނުންކަމަށްވާނަމަ، ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭނެ ކުލަބް އީގަލްސްއިން. ދެން ކުޅުންތެރިން ތިބީ އެއަޒުމްގައި. އުއްމީދަކީ މެޗް ކާމިޔާބުކުރުން. ވެލެންސިޔާ ޓީމުގައި ވިސްނަންޖެހޭ ކުޅުންތެރިންވެސް އެބަތިބި. އީގަލްސްއިން މެޗަށް ނިކުންނާނީ ވެލެންސިޔާއަކީ ވަރުގަދަ ޓީމެއްކަމަށް ދެކިގެން. އީގަލްސްގެ ކުޅުންދައްކާލާފިނަމަ، މެޗް ކާމިޔާބުކު ކުރުމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް." ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ.
މޯހަން ބުނީ މިވަގުތު ލީގް ޗެންޕިއަންކަން ހޯދުމުގެ ވިސްނުން ނުގެންގުޅޭކަމަށާއި މިހާރު ކުލަބް އީގަލްސްއިން ވިންނާނީ މެޗަކަށް ފަހު މެޗަކަށް ކަމަށެވެ. އަދި ކުޅުންތެރިންގެ ފޯކަސްވެސް މިހާރު ހުރީ މިގޮތަށްކަމަށްވެސް މޯހަން ބުންޏެވެ. 

ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ އީގަލްސް މެޗަށް ވެލެންސިޔާއިން ވަރަށް ރަގަނޅަށް ތައްޔާރުވެފައިވާކަމަށާއި ވެލެންސިޔާގެ ފެންވަރުގައި މިމެޗް ކާމިޔާބުކުރަން ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ބޭނުންވާކަމަށެވެ. ލީގްގައި މިހާތަނަށް ވެލެންސިޔާއިން ހޯދާފައިވާ ނަތީޖާތަކުގެ ސަބަބުން ކުޅުންތެރިންނަށްވެސް އިތުރު ހިއްވަރެއް ލިބިފައިވާކަމަށް އާތިފް ބުންޏެވެ. މެޗަށް ނިކުންނައިރު ވެލެންސިޔާގެ ފޯވާޑް ލައިނެކޭ އެއްގޮތަށް އީގަލްސްގެ ފޯވާޑް ލައިނަކީވެސް ވަރަށް ވަރުގަދަ ފޯވާޑް ލައިނެއްކަމަށާއި މިމެޗުން މޮޅުވާނީ މެޗަށް އެންމެ ރަގަނޅަށް ތައްޔާރުވި ޓީމްކަމަށްވެސް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުންޏެވެ.

"ލީގްގައި މިހާތަނަށް ހޯދުނު ނަތީޖާތަކުގެ ސަބަބުން ޓީމުގެ ކުޅުންތެރިންގެ ހިއްވރު ވަރަސް ބޮޑަށް އެބަހުރި. އެހެންނަމަވެސް އީގަލްސްއާއި ކުރިމަތިލާއިރު، އެޓީމަކީ މިލީގުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމު. ވެލެންސިޔާއިން ނުބަލާނެ، އީގަލްސް ޕޮއިންޓް ޓޭބަލްގައި މިވަގުތު އޮތް ހިސާބެއް. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗަށް ބަލާލިކަމަށް ވީނަމަވެސް އެކަން އެގޭނެ. ޓީމެއްގެ ގޮތުގައި މިސައްކަތް ކުރަންބަލާއިރު، ކުލަބް އީގަލްސްއަކީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ ވަރަސް ވަރުގަދަ ޓީމެއް. އަދި ޒުވާން ކުޅުންތެރިންނާއެކު އެންމެ ރަގަނޅު ފުޓްބޯޅަ ފާއިތުވެގެންދިޔަ 5 އަހަރުގައި ކުޅެފައިވަނީ އީގަލްސްއިން. އެހެން ވީމަ، ފަސޭހަ މެޗަކަށް ނުވާނެ ވަރަށް ވާދަވަރި މެޗަކަށް މިމެޗު ވެގެންދާނީ. އަދި ވަރަށް ރަގަނޅު ފުޓްބޯޅައެއް މިމެޗުގައި ފެނިގެންދާނެކަމަށް އުއްމީދު ކުރަން." ކުލަބް ވެލެންސިޔާގެ ކޯޗް އާތީ ބުންޏެވެ.