ރ.އިނގުރައިދޫ ގިރަމުން ދަނީ ކަންބޮޑުވާވަރަށްކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
އިނގުރައިދޫ ކައުންސިލްގެ ރައީސް އަބްދުﷲ ހަސަން ވިދާޅުވީ ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމާ ދިމާކޮށް ރަށުގެ އުތުރު ފަރާތުން ރަށް ގިރަމުން ދާކަމަށާ، އެހެން ނަމަވެސް މިއަހަރު އެހެން އަހަރުތަކާ ހިލާފަށް ވަރަށްބޮޑަށް ރަށްގިރަމުން ދާކަން ފާހަގަވެފައިވާކަމަށެވެ. އެގޮތުން އެސަރަހައްދުން 40 ފޫޓްއަށްވުރެ ބޮޑުބައެއް ގިރައިގެން ގޮސްފައިވާކަމަށް އަބްދުﷲ ވިދާޅުވިއެވެ. އަދި ބަނދަރު ހިމެނޭ ސަރަހައްދުގައި އޮންނަ ވެލިގަނޑު ހިމާޔަތްކުރުމަށް ޖަހާފައިވާ ރިވެޓްމަންޓް ހަލާކުވެ އެސަރަހައްދުވެސް ގިރަން ފަށާފައިވާކަމަށް އަބްދުﷲ ވިދާޅުވިއެވެ.
ރަށްގިރުމުގެ މައްސަލަ އެންމެބޮޑަށް ކުރިމަތިވަނީ އުދައަރާތީކަން ފާހަގަކުރަމުން އަބްދުﷲ ހަސަން ވިދާޅުވީ، އުދައިގެ އަސަރު މީހުން އުޅޭ ގޭތަކާއި ހިސާބަށް ކުރަމުންދާކަމަށެވެ. އެހެން ނަމަވެސް ގެތަކަށް އަދި މިހާތަނަށް ގެއްލުމެއް ލިބިފައެއްނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ރަށު ކައުންސިލުން ބުނީ މިހާރު ހޭޅިފަށުގައި ހުރި ގަސްތަކާ ރުއްތައް މޫދަށް ވެއްޓުމުގެ ބިރު އެބައޮތްކަމަށާ، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނަސްފައިވާކަމަށެވެ. އެގޮތުން ކަމާ ގުޅުންހުރި އިދާރާތަކާއެކު މިކަން ހައްލުކުރުމަށް ވާހަކަދައްކަމުންދާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
އިނގުރައިދޫ އަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވާ ފެށީ މީގެ 4 އަހަރުކުރިންނެވެ. ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމާދިމާކޮށް ގިނަ ރަށްތަކަށް އުދައެރުމާ ރަށްގިރުމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.