ޚަބަރު

ސޮނޭވާފުށީގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފި


"ޖޫނިއާ ހޮސްޓް" ގެ ނަމުގައި ސޮނެވާފުށި ރިސޯޓުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ. އޭލެވެލް ނިންމާ ދަރިވަރުންނަށް ޚާއްސަކޮށްގެން އެކި ޑިޕާޓްމަންޓުތަކުގެ މަސައްކަތްތައް ކިޔަވައިދޭ މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ހިސާބުތަކުން 16 ދަރިވަރުން ބައިވެރިވެފައިވެއެވެ.   މިކަމަށްޓަކައި ސޮނެވާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ޗާންސެލަ ޑރ. މުހައްމަދު ލަތީފް ވިދާޅުވީ، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ މީހުން، މަސައްކަތުގެ މާހައުލު ތަޖުރިބާކޮށް ގިނަ ފިލާވަޅުތަކެއް ދަސްވާނެ ކަމަށާއި ތައުލީމް ހާސިލުކުރެވޭނީ ހަމައެކަނި ކްލާސް ރޫމެއްގައި އިނދެގެން ނޫން ކަމަށެވެ.-ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސޮނެވާފުށީގެ ޗެއާމަން އަދި ސީއީއޯ ސޯނޫ ޝިވްދާސާނީ ވިދާޅުވި ގޮތުގައި، މި ގްރޮގްރާމްގައި ކުރިން ބައިވެރިވެފައިވާ ދަރިވަރުން މިހާރު ސޮނެވާފުށި ފަދަ މަގުބޫލު ރިސޯޓުތަކުގެ މަތީ ވަޒީފާތައް އަދާކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މިފަހަރުގެ ޕްރޮގްރާމްގެ ބައިވެރިންނަކީވެސް އެހާ އުޖާލާ މުސްތަޤްބަލެއް ލިބޭނެ ދަރިވަރުންނަށް ވެގެންދާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދާއިރު ސޮނެވާފުށީގައި އެ ދަރިވަރުން އެކި ޑިޕާޓްމަންޓްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނެ ކަމަށް ސޮނިވާފުށީ ރިސޯޓުން ބުނެއެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމަށް ބައިވެރިން ހޮވާފައިވަނީ ސޮނެވާފުށީގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިން އަތޮޅުތަކަށް ގޮސް، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ 200 ދަރިވަރުންނާ އިންޓަވިއުކޮށް ޓެސްޓެއް ހެދުވުމަށްފަހު ކަމަށްވެސް އެފަރާތުން ބުންޏެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރަތަމަ މަހުގައި ބައިވެރިންނަށް ރިސޯޓުގެ ހޮސްޕިޓަލިޓީ ދާއިރާގެ ހުރިހާ ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން ތިއަރީގެ ބައިތައް ވެސް ކުރިއަށްދާނެ ކަމަށް އެ ރިސޯޓުން ބުނެއެވެ. އަދި ބާކީ 11 މަހުގައި، ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ކަނޑައަޅައި އެ ދާއިރާއަކުން ކިޔަވައިދޭނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.