ތަރައްްޤީ

ކުޑަކުދިންގެ ޕާކާއެކު ކެލާ ރައްޔިތުންނަށް އުފާވެރިކަން


ހއ. ކެލާގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށް ޢާއްމުންނަށް ހުޅުވާލައިފިއެވެ.

ކެލާގައި ހުޅުވި ޕާކަކީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީކުރަން ހަމަޖެހިފައިވާ 36 ޕާކުގެ ތެރެއިން ޕާކެކެވެ.

ޕާކު ހުޅުވުމާ ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް ވަނީ ޕާކު ތަރައްޤީކުރުމުގައި މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފާއި ކެލާ ކައުންސިލުން މިނިސްޓްރީއަށް ދެއްވި އެއްބާރުލުން ވަކިން ޚާއްސަކޮށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ރަށްރަށުގައި 104 ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ގެންދާނެކަމަށެވެ.

ޔޫތު މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި ޕާކުތައް ތަރައްޤީކުރުމުގައި ރަށުގެ އާބާދީއަށް ނުބަލާނެއެވެ. އަދި ތިމާވެއްޓާއި ރަށްޓެހި ނިޒާމެއްގެ ތެރެއިން މި ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް އެއްވެސް ރަށަކުން ގަހެއް ނުކަނޑާނެކަންވެސް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.