ޚަބަރު

އުކުޅަހުން ޕޮޒިޓިވް މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 3 މީހަކު ކަރަންޓީންކޮށްފި


އއ.އުކުޅަހުން ޕޮޒިޓިވްވީ އިނގިރޭސިވިލާތުގެ 2 ފަތުރުވެރިންނާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު 3 މީހުން ކަރަންޓީންކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެރަށު ކައުންސިލުން ވިދާޅުވީ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކަރަންޓީންކޮށްފައި ވަނީ ޗުއްޓީއަށް ރާއްޖެ އައި އެއާއިލާގެ އިތުރު 3 މެމްބަރުންކަމަށެވެ. ކައުންސިލުން ވިދާޅުވީ ފަތުރުވެރިން ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް މިފަތުރުވެރިންނާ ޢާއްމުންނާ ދިމާވެފައިނުވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެހެންކަމުން ރަށް އެއްކޮށް މޮނީޓަރިންއަށްލުމާމެދު އަދި ވަކިގޮތެއް ނުނިންމާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އއ.އުކުޅަހުން ޕޮޒިޓިވްވީ 2 ފަތުރުވެރިން ޕޮޒިޓިވްވެފައިވަނީ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ނެގި ސާމްޕަލްތަކުންނެވެ. އެރަށުން ޕޮޒިޓިވްވެފައިވަނީ އިނގިރޭސިވިލާތުން އެރަށަށް ދިޔަ އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހެއްކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 5 އަހަރުގެ އަންހެން ކުއްޖަކާއި، 40 އަހަރުގެ ފިރިހެނެއްކަމަށް ކައުންސިލުން މަޢުލޫމާތުދެއްވައެވެ.

އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިންތަކެއް މީގެކުރިންވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.

އިނގިރޭސިވިލާތުގައި ކޯވިޑްގެ އާ ސްޓްރެއިންއެއް ފެތުރެމުންދާއިރު، އެޤައުމުން އަންނަ މީހުންނާއި އެޤައުމުގައި ޓްރާންސިޓްވެފައި އަންނަ މީހުންވެސް ކަރަންޓީންވާންޖެހޭގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ.