ސިޔާސީ

ފޮރިން މިނިސްޓްރީ މަރާމާތުގެކުރުމުގެ މަސައްކަތް ނިންމާ، ސަރުކާރާއި ޙަވާލުކޮށްފި


މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ހިންގާ އިމާރާތް މަރާމާތުކުރުމަށްފަހު، ސަރުކާރާ ޙަވާލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއެވެ. އަދި ސަރުކާރުގެ ފަރާތުން ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދިޔަ މި މަސައްކަތުގެ ދަށުން، ފޮރިން މިނިސްޓްރީ މަރާމާތު ކުރުމުގެ މަސައްކަތްކޮށްފައިވަނީ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުންނެވެ. އަދި މި މަސައްކަތް ކޮށްފައިވަނީ ޗައިނާ އެއިޑްގެ ދަށުންނެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ މި މަސައްކަތް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނިންމައިދެއްވީތީ ޗައިނާ ސަރުކާރަށާއި ޝަންހާއީ ކޮންސްޓްރަކްޝަން ކުންފުންޏަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ޗައިނާއާއި ދިވެހި ސަރުކާރާއި އޮތް ވަރުގަދަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ޢިމާރާތުގެ ޖާގަ އިތުރުކޮށް، ޢިމާރާތް މަރާމާތުކުރުމަށް ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ 29 ޑިސެމްބަރ 2018 ގައެވެ. މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތް ނިމުމުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށާއި، މިނިސްޓްރީން ދޭ ޚިދުމަތްތައްވެސް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރެވިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މަރާމާތުގެ މަސައްކަތްތައް ކުރުމަށް ބޮޑުތަކުރުފާނު ބެންކް އޮފް ސިލޯނާއި ޖެހިގެން ހުރި ފޮރިން މިނިސްޓްރީގެ މައި އިމާރާތް ހުސްކުރުމަށްފަހު، އެ މިނިސްޓްރީގެ ހިންގުން ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރީ ހުރި އެމް.ޓީ.ސީ.ސީގެ އިމާރާތަކަށް ވަގުތީގޮތުން ބަދަލުކޮށްފައިވަނީ 25 އޯގަސްޓް 2019 ގައެވެ. ފޮރިން މިނިސްޓްރީން ފޯރުކޮށްދެމުންދިޔަ ކޮންސިއުލަރ ޚިދުމަތްތައްވެސް ފޯރުކޮށްދެމުންދިޔައީ އެ މިނިސްޓްރީގެ ވަގުތީ އިމާރާތުންނެވެ.