ރިޕޯޓް

ބާރަށް ދުވަމުން އާތިފްގެ ލެންސުން ކިޔާދެނީ ދޫނިތައް


"ވައިލްޑް ލައިފް ފޮޓޯގްރަފީ" ނުވަތަ ގުދުރަތީ މާހައުލުގައި ދިރިއުޅޭ ޖަނަވާރާއި ދޫނި ސޫފާސޫފީގެ ފޮޓޯއާއި ވީޑިއޯ ނެގުމަކީ އެހާ ފަސޭހަކަމެއްނޫނެވެ.

ޓެކްނޮލޮޖީގެ ގޮތުން މިއޮތް ކުރިއަރާފައިވާ ޒަމާނުގައިވެސް އެފަދަ ފޮޓޯއެއް ނަގަން ބޭނުންވާނަމަ އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަކުރަންޖެހެއެވެ. ބައެއް ފަހަރު ބޮޑެތި ނުރައްކާތަކާވެސް ކުރިމަތިލާ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެންވެސް މަސައްކަތްކުރަންޖެހޭ ހާލަތްތައް އާދެއެވެ. ވައިލްޑް ލައިފް ފޮޓޯތަކާއި ވީޑިއޯތައް އާއްމުކޮށް ފެންނާނީ ޑިސްކަވަރީ ޗެނަލް ނުވަތަ ނެޓްޖީއޯފަދަ ޗެނަލަކުންނެވެ. އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި މިދާއިރާއަށް ޚާއްސަ ފޮޓޯގްރާފަރުން އަތުގެ އިނގިލިން ގުނާލެވޭހާވެސް މަދޭ ބުނުމަކުން ގޯހެއްނުވާނެއެވެ.

މިފަަހަރު މިއޮތީ މިދެންނެވި ފަދަ ފޮޓޯއާއި ވީޑިއޯ ނެގުމަށް ލޯބިކުރާ ޒުވާނެއްގެ ވާހަކައެވެ. ނަމަވެސް އޭނާއަކީ ޕްރޮފެޝަނަލް ފޮޓޯގްރަފަރެއްނޫނެވެ. އޭނާ މިކަން ކުރަނީ ޕެޝަނެއްގެގޮތުގައެވެ. ރާއްޖޭގައި އާއްމުކޮށް ފެންނަ ފޮޓޯގްރަފަރުންނާއި ޚިލާފަށް، މި ޒުވާނާ ނަގާ ފޮޓޯތަކާއި އޭނާގެ މަސައްކަތް ސޯޝަލް މީޑިއާގައި ހިއްސާކުރާގޮތް ތަފާތުވެފައި ހިތްގައިމެވެ.

އައްޑޫ ސިޓީ ހިތަދޫއަށް އުފަން އުމުރުން 37 އަހަރުގެ އަޙްމަދު އާތިފަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ އެތިލީޓެކެވެ. މަޤުބޫލު ދުވުންތެރިއެކެވެ. އޭނާވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިއެކި މެރެތަންތަކުގައި ބައިވެރިވެ، އެކި ވަނަތައް ޙާޞިލުކޮށްފައެވެ. ދުވުންތެރިއެއްގެގޮތުގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އާތިފް މިހާރު އޭނާގެ ހުރިހާ ހުސްވަގުތެއް ކަހަލަގޮތަކަށް ޚާއްސަކޮށްފައިވަނީ އެކި ބާވަތުގެ ދޫނީގެ ފޮޓޯ ނެގުމަށެވެ.

އެކި މެރެތަންތަކާއި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމަށް އާތިފް ކުރާ ދަތުރުތަކުގައި ފޮޓޯ ނެގުމަކީ އޭނާ ވަރަށް ކުރާ ހިތްވާކަމެކެވެ. ވަކިން ޚާއްސަކޮށް "ނެޗަރ ފޮޓޯގްރަފީ" ނުވަތަ ގުދުރަތީ ހިތްގައިމު ފޮޓޯތައް ނެގުމަށް އޭނާ އަބަދުވެސް ލޯބިކުރެއެވެ. ދުވުމާ ފޮޓޯގްރަފީގެ އިތުރުން ފެތުމާއި، ރާޅާއެޅުމަކީވެސް އާތިފްގެ ހޮބީއެކެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ދުވުންތަކުގައި ބައިވެރިވުމަށް މިގޮތަށް ކުރާ ދަތުރުތައް މަދުވުމުން، ހުސްވަގުތު ފުރާލުމަށް އާތިފް ގަޔާވީ ފޮޓޯނެގުމަށެވެ.

އޭގެތެރެއިންވެސް އޭނާއަށް އެންމެ ބޮޑު ސަމާލުކަމެއްދެވުނީ އެކި ވައްތަރުގެ ދޫނީގެ ފޮޓޯއާއި ވީޑިއޯ ނެގުމަށެވެ.

މިކަމަށް ހުރި ޝަޢުގެއްގެ ބޮޑުކަމުން ދޫނީގެ ފޮޓޯނެގުމަށް އާތިފް ފުރަތަމަ ބޭނުންކުރީ ރައްޓެއްސެއްގެ ކެމެރާއެކެވެ. އެއީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. އާތިފް ބުނިގޮތުގައި ފޮޓޯގްރަފީއާއި ގުޅުންހުރި މުހިއްމު ކަންކަން އޭނާ ދަސްކުރީ އޮންލައިން ކްލާސްތަކުގައި ބައިވެރިވެ، އަމިއްލައަށް ޝޫޓްތަކަށް ގޮސްގެންކަމަށެވެ. އަދި އޮކްޓޯބަރ ހިސާބުގައި ސޮނީ އޭ 6400 ކެމެރާއެއް އަމިއްލައަށް ގަނެ އާތިފް އަންނަނީ ތަފާތު އެކި ވައްތަރުގެ ދޫނީގެ ފޮޓޯތައް ނަގާ، ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

"ފޮޓޯގްރަފީއަށް ޝައުގުހުރޭ ކުރިންވެސް. އޭރަކު ނުހުރޭ ބާޑް ފޮޓޯގްރަފީއަކަށް ނުވަތަ ވަކި ވައްތަރެއްގެ ފޮޓޯތަކެއް ނެގުމުގެ ވިސްނުމެއް. އެކަމު އަބަދުވެސް ނޭޗަރއަށް ލޯބިކުރަން. ފޮޓޯނަގަން ފެށިފަހުން ބޮޑަށް ދޫނި އެއްޗެހީގެ ފޮޓޯތައް ކަމުދާންފެށީ. އެ ހިސާބުން ގިނައިން ހަމަ ދޫނީގެ ފޮޓޯ ނަގަނީ. އައްޑޫއަށް ޗުއްޓީއަށްގޮސްވެސް ބޭނުންވީ އެތަނުގައި އުޅޭ ހުރިހާ ވައްތަރެއްގެ ދޫނީގެ ފޮޓޯނަގަނީ" އާތިފް ބުންޏެވެ.

އާތިފް ބުނިގޮތުގައި އޭނާއަށް މިހާތަނަށް 50 އަށްވުރެ ގިނަ ވައްތަރުގެ ދޫނީގެ ފޮޓޯ ނެގިފައިވެއެވެ. އަދި އެންމެ ގިނަ ފޮޓޯތައް އޭނާ ނަގާފައިވަނީ އައްޑޫސިޓީންނެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީއާއި، ދ. އަތޮޅާއި ވ. އަތޮޅު ބައެއް ރަށްތަކާއި، މާލެކައިރީ ބައެއް ފިނޮޅުތަކަށްގޮސްގެންވެސް މިފަދަ ފޮޓޯތައް ނަގާފައިވެއެވެ. ފޮޓޯ ނެގުމުގައިވެސް އާތިފް ބޮޑަށް ބަލާފައިވަނީ ރާއްޖޭން ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ދޫނީގެ ފޮޓޯތައް ނެގުމަށެވެ.

ރާއްޖެއަށް ހިޖުރަކުރާ ގިނަ އަދަދެއްގެ ދޫނީގެ ފޮޓޯ އާތިފް ނަގާފައިވެއެވެ. އޭގެ ތެރޭގައި ބޮޑު ބުޅިތުނބި، އަލަކަ، މިޔަރެމު ދޫނި، ލަގަނާ، ވަލު ބޮނދަނަ، ތޭރަވާ، ރަތަފަ، ޑިން ޑިން ކޮވެލި، އޮޅުވަލު ކަބިލި، ކިރު ދޫނި، ކަނިފުޅު ދޫނި، އަދި ދަނޑިފުޅު ދޫނިފަދަ ދޫނިތައް ހިމެނެއެވެ.

ނެގި ފޮޓޯތަކުގެ ތެރެއިން އާތިފްއަށް އެންމެ ކަމުދާ ނުވަތަ ފޭވަރިޓް ފޮޓޯގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވަނީ ކަނޑުމަތިން އުދުހެމުން ދިޔަ ހޯރައެއް ފުޅަނގެއް ހިފަން މަސައްކަތްކުރާ ފޮޓޯއެވެ. އެ ފޮޓޯ އާތިފް ނަގާފައިވަނީ އައްޑޫ ކަނޑުގައި ޑިންގީއެއްގައި ކަންނެލި ބާނަން ނުކުމެ އުޅެނިކޮށެވެ. އެއީ ވަރަށް އުނދަގުލުން ނެގުނު އާދަޔާ ޚިލާފު ފޮޓޯއެއްގެގޮތުގައި އާތިފް ސިފަކުރެއެވެ.

މި ހުރިހާ ފޮޓޯތަކެއްގެ ތެރެއިންވެސް އާތިފްއަށް ނަގަން އެންމެ އުދަގޫވި ފޮޓޯއަކީ އައްޑޫސިޓީ ނޭޗަރ ޕާކުން އޭނާއަށް ފެނުނު ފިޔަކަޅު ބާޒާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ހިމެނޭ ސަރަޙައްދުން ފެނުނު ބޮޑު ބާޒުގެ ފޮޓޯއެވެ. އޭނާވަނީ ފިޔަކަޅު ބާޒު އައްޑޫ ކުނިކޮށި ހިމެނޭ ސަރަޙައްދުން މީދަލެއް ޖަހައިގަނެގެންދާ ފޮޓޯއަކާއި، ގަހެއްގެ ގޮފިގަނޑުގައި ބޮޑުބާޒު ހަމަޖެހިލައިގެން އިންނަ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

"ގަމުގައި އުޅޭ ބޮޑު ބާޒު ފެނުނީވެސް ތިން ދުވަސްމަތިން އުޅެގެން. ކޮންމެ ދުވަހަކުވެސް ގޮސް ނުފެނުނީމަ އަންނަނީ. އެގޮތަށް 3 ވަނަ ދުވަހު އެ ބާޒު ފެނުނީ. ދެން ފިޔަކަޅު ބާޒު މީދަލެއް ޖަހައިގަނެގެންދާ ފޮޓޯއަކީވެސް ވަރަށް އުނދަގުލުން ނެގުނު ފޮޓޯއެއް. ޗުއްޓީގައި އައްޑޫގައި ހުރިއިރު އަބަދުވެސް ނަގަން ބޭނުންވި ޝޮޓެއް އެއީ. އެވެސް އަތުޖެހުނީ ދެތިން ދުވަހުން އުޅެގެން. އެއީ މެންދުރުގެ އެންމެ ހޫނު ގަޑީގައި އައްޑޫ ކުނިކޮށި ސަރަޙައްދުގައި ވަރަށް ގިނައިރުން އުޅެގެން ނެގުނު ފޮޓޯއެއް" އާތިފް ބުންޏެވެ.

މި ދެ ފޮޓޯއަށް އާއްމުންގެ ފަރާތުންވެސް ބޮޑު ސަމާލުކަމެއް ލިބިގެންދިޔަކަން އާތިފް ފާހަގަކުރިއެވެ.

އެކި ބާވަތުގެ ދޫނި އުޅޭ ސަރަޙައްދުތައް އާތިފް ހޯދަނީ އެކިގޮތްގޮތުން މީހުން ކައިރީ އަހައިގެންނާއި، އަމިއްލައަށް ރަށު ތެރެއަށް ނުކުމެގެންނެވެ. ފޮޓޯއާއި ވީޑިއޯ ނެގުމުގައި އާތިފް އެންމެ ބޮޑު ސަމާލުކަމެއްދެނީ ދޫނި އެސޮރުމެންގެ ގުދުރަތީ މާހައުލުގައި އުޅޭ އުޅުން ސިފަވާނެހެން އެސޮރުމެންނަށް އެއްވެސް އުނދަގުލެއް ނުކޮށް ފޮޓޯ ނެގުމަށްކަމަށް އާތިފް ބުންޏެވެ. އަދި އޭނާ އާއްމުކޮށް މިފަދަ ފޮޓޯތައް ނަގައި އުޅެނީ އިރުއަރާ ވަގުތާއި އިރާކޮޅުގެ ވަގުތުތަކުގައެވެ.

"ބޮޑަށް ބަލަނީ ދޫނި އޭގެ އަސްލު ނެޗުރަލް އެންވަޔަރަމަންޓުގައި އުޅޭގޮތް ވީހާވެސް ކައިރިން، އެއަށް އުނދަގޫނުކޮށް ފޮޓޯއާއި ވީޑިއޯ ނެގޭތޯ. ދޫނި އެއްޗެހީގެ ފޮޓޯނަގާއިރު ވަރަށް ބޮޑަށް ބަލަން ތަންކޮޅެއް ތިރިން ނެގޭތޯ. މިހާރު ދޫނި އެ ބަލާ މީހާގެ އައިލެވެލްއަށް އެއްވަރަށް ނެގޭތޯ. ދޫނި ކުޑަވާ ވަރަކަށް ތިރިވާ ވަރު ބޮޑުވާނެ. އެހެންވީމަ އެ އެއްޗެއްގެ އައިލެވެލްއަށް ނެޗުރަލްކޮށް ފޮޓޯނަގަން ވަރަށް ސަމާލުވަން" އާތިފް ބުންޏެވެ.

އާތިފްގެ ފޮޓޯތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް އޭނާ ވަނީ "ރަނާސް ލެންސް"ގެ ނަމުގައި ޚާއްސަ އިންސްޓަގްރާމް އެކައުންޓެއްވެސް ހަދާފައެވެ. އަދި ފޭސްބުކާއި ޓުވިޓަރގައިވެސް އޭނާ އަންނަނީ ފޮޓޯއާއި ވީޑިއޯތައް ހިއްސާކުރަމުންނެވެ. އާތިފްގެ މި މަސައްކަތް އެންމެ ޚާއްސަވާ ސަބަބަކީ އޭނާ ނަގާ ހިތްގައިމު ފޮޓޯތަކާއެކު ދޫކޮށްލާ ކެޕްޝަންތަކެވެ.


މިއިން ކޮންމެ ފޮޓޯއެއް އާތިފް ދޫކޮށްލަނީ އެ ފޮޓޯއަކުން ފެންނަ ދޫންޏަކާގުޅޭ ކޮންމެވެސް ވަރެއްގެ މަޢުލޫމާތުކޮޅަކާއެކުއެވެ.

ވަކިން ޚާއްސަކޮށް އެ ދޫންޏެއްގެ އިނގިރޭސި ނަމާއި، ދިވެހިން ނަންދީފައިވާނަމަ އެ ނަމެއްވެސް އޭނާ ފޮޓޯތަކާއެކު ހިއްސާކުރެއެވެ. އަދި އެ ދޫންޏަކާގުޅޭ ޚާއްސަކަމެއްވެސް އޭނާ ކެޕްޝަންތަކުގައި ހިއްސާކުރެއެވެ. މިއީ ކިޔަވާކުދިންނާއި، ޒުވާނުންގެވެސް ވަރަށް ބޮޑު ޝަޢުގެއް އާތިފްގެ މި މަސައްކަތައް ލިބިގެންދާ މުހިއްމު ސަބަބެކެވެ. މިކަން ކުރަން ފެށިފަހުން އެކި ބާވަތްތަކުގެ ދޫނީގެ މަޢުލޫމާތު ހޯދުމަށް އަމިއްލައަށްވެސް އިންޓްރެސްޓް އުފެދި، ރިސަރޗްކުރާކަމަށް އާތިފް ބުނެއެވެ.

"ނޭންގޭ ދޫންޏެއްގެ ފޮޓޯ ނެގިއްޖެއްޔާ ފުރަތަމަ ކުރާކަމަކީ އެފޮޓޯއެއް ބޭނުންކޮށްގެން އިންޓަރނެޓުން ބަލަނީ އޭގެ އިނގިރޭސި ނަން. އިނގިރޭސި ނަން އެނގުނީމަ އެ ދޫންޏަކާބެހޭ މަޢުލޫމާތު ހޯދަން ކުޑަކޮށް ރިސަރޗްކޮށްލަނީ. ދިވެހި ނަން ގިނައިން ހޯދަނީ އީ.ޕީ.އޭއިން ޕަބްލިޝްކޮށްފައިވާ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ޕޯސްޓަރުތަކަށް ބަލައިގެން. އިންޓަރނެޓުންވެސް ބައެއް ދިވެހި ނަންތައް ހޯދަން. ދިވެހި ނަން ނެތިއްޔާ ދެން އެ ސްޕީޝީޒްއަކަށް ކިޔާ އާއްމުނަން ބޭނުންކުރަނީ" އާތިފް ބުންޏެވެ.

ދޫނީގެ ފޮޓޯނެގުމަކީ ވަރަށް ކެތްތެރިވެގެންނޫނީ ކުރެވޭނެކަމެއްނޫންކަމަށް އާތިފް ބުނެއެވެ. އެކަމަށް އެތައް ވަގުތެއް ހޭދަވާއިރު، ފޮޓޯގްރަފީގެ ބަހުރުވައިން ބުނާނަމަ "ޕާރފެކްޓް ޝޮޓް"އެއް ނެގުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަން އޭނާ ފާހަގަކުރެއެވެ. ނަމަވެސް މިއީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބޭ މަސައްކަތެއްކަމަށް އާތިފް ބުނެއެވެ.

އެކި ދަތުރުތަކުގައި މިގޮތަށް ނަގާ ދޫނީގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާއަށް ހިއްސާކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ އަހަރުމެންގެ ވަށައިގެންވާ ގުދުރަތީ ވެށީގެ މުއްސަނދިކަމާއި ތަފާތުކަން އާއްމުންނަށް ދައްކައިދިނުންކަމަށް އާތިފް ބުންޏެވެ. އަދި ދޫނިތަކަށް އެސޮރުމެންގެ ވަށައިގެންވާ މާހައުލު މުހިއްމުވާ ސަބަބުތަކާއި އެތަންތަން ރައްކާތެރިކޮށް ގެއްލުން ނުދިނުމަށް ބާރުއެޅުންކަމަށްވެސް އޭނާ ބުންޏެވެ. ރާއްޖޭގައި އުޅޭ ގުދުރަތީ ދިރުންތައް ވަކިން ޚާއްސަކޮށް ދޫނީގެ ބާވަތްތައް މަދުކަމަށް ބައެއް ފަރާތްތަކަށް ހީވެފައިވީނަމަވެސް، އާތިފްގެ ތަޖުރިބާ މުޅިން ތަފާތުކަމަށް އޭނާ ބުނެއެވެ.

މިއީ ފެށުމެއްކަމަށާއި، ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން "އެކްސްޕްލޯރ"ކުރުން އަދި ކުރިއަށްއޮތީކަމަށް އާތިފް ބުނެފައިވެއެވެ. އަދި އޭނާ ހުރީ "ބާޑްސް އޮފް އައްޑޫ"ގެ ނަމުގައި އައްޑޫއިން ފެންނަ ހުރިހާ ވައްތަރެއްގެ ދޫނިތަކުގެ ފޮޓޯއާއި މަޢުލޫމާތު ހިމެނޭ ޕަބްލިކޭޝަނެއް އާއްމުކުރުމުގެ އުއްމީދުގައެވެ.