ޚަބަރު

ކެލާގައި އިމާރާތްކުރާ ފެނަކަ އޮފީހުގެ ބިންގާ އަޅައިފި


ހއ. ކެލާގައި އިމާރާތްކުރާ ފެނަކަ ކޯޕަރޭޝަންގެ އައު އޮފީހުގެ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ކެލާގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ އޮފީހުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދާއި ކެލާ ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފްއެވެ. މިރަސްމިއްޔާތު ބާއްވާފައި ވަނީ އައު އޮފީސް އިމާރާތް އެޅުމަށްޓަކައި ފެނަކައަށް ދޫކޮށްފައިވާ ބިމުގައެވެ.

ބިންގާ އަޅުއްވައި ދެއްވުމަށްފަހު މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ ކެލާގައި ޤާއިމްކުރަނީ ކުރިޔަށްއޮށް 30 އަހަރު ކެލާގެ އުމްރާނީ ތަރައްގީއަށް ވިސްނުމަށްފަހު ޑިޒައިން ކުރެވިގެން އެޅިގެންދާ ކަރަންޓް ނެޓްވޯކެއް ކަމަށެވެ. އަދި އެމަސައްކަތުގެ ބައެއް މަސައްކަތް މިއަދު ކެލާގައި ފެށިގެން ގޮސްފައިވާކަމަށް ސައީދުވަނީ ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ ކެލާގެ މީހުން އަލަށް އާބާދުކުރާ ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތްވެސް ވަރަށްއަވަހަށް ފެށިގެން ދާނެކަމަށެވެ.

ކެލާ ކައުންސިލްގެ ރައީސްއާއި މެމްބަރުން ފެނަކަ ކޯޕަރޭޝަންއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އާއު އޮފީހުގެ ބިންގާ އެޅި، މަސައްކަތް ފެށިގެން މިދަނީ ކައުންސިލުގެ މަސައްކަތުންކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝާރީފް ވިދާޅުވީ ރައީސް އިބުރާހިމް މުޙައްމަދު ސޯލިހުގެ ޒައާމަތުގައި އަސާސީ ހިދުމަތްތައް ކެލާގައި ތަރައްޤީކުރުމަށް މީން ޒަމާނެއްގައި ނުކުރާހާ މިންވަރަށް ގިނަގުނަ މަސައްކަތްތަކެއް ފެނަކައިން ކުރަމުންދާ ކަމަށާއި އޭގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.

ކެލާގައި އިމާރާތްކުރާ އައު އޮފީސް އިމާރާތަކީ، 5.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފެނަކައިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައިވާގޮތުން މަސައްކަތް ފަށާތާ 7 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ.