ވިޔަފާރި

އެއާބީއެންބީގެ އެންމެ ޑިމާންޑު ބޮޑު މަންޒިލްތަކުގެ ތެރޭގައި މާފުށި


އެއާބީއެންބީގައި އަންނަ އަހަރަށް އެންމެ ޑިމާންޑު ބޮޑު މަންޒިލްތަކުގެ ތެރޭގައި ކ.މާފުށި ހިމެނިއްޖެއެވެ.

އެއާބީއެންބީއަކީ ގެސްޓުހައުސްތަކާއި ކުއްޔަށް ދޫކުރާ ގެތަކާއި ގުޅޭ މައުލޫމާތު ހިމެނޭ، އަދި އެފަދަ ތަންތަނަށް ދިޔުމަށް ބުކިންގ ހަދާލެވޭ ވެބްސައިޓެކެވެ. މިއީ ދަތުރުކުރާ މީހުންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ ވެބްސައިޓެކެވެ.

އެއާބީއެންބީން ވަނީ އެ ވެބްސައިޓު މެދުވެރިކޮށް އަންނަ އަހަރުގެ ތެރޭގައި ޗުއްޓީ ހޭދަކުރުމަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު މައުލޫމާތު އޮޅުންފިލުވަމުންދާ މަންޒިލްތަކުގެ ލިސްޓެއް ނެރެފައެވެ.

މި ލިސްޓުގައި ކ. މާފުށީގެ އިތުރުން، ކޮލޮމްބީއާގެ ބޮގޮޓާ، ސައުތު ކޮރެއާގެ ސޯލް، ލަންޑަންގެ ހެމްޕްޓަންސް، އެމެރިކާގެ، މަސަޗޫސަސް ސްޓޭޓުގެ ޓިސްބަރީފަދަ މަންޒިލްތައް ހިމެނެއެވެ.

އެއާބީއެންބީން ހާމަކުރާ ގޮތުގައި ކޯވިޑާއި ގުޅިގެން މިއަހަރުތެރޭ ދަތުރުފަތުރުކުރުން ހުއްޓުމަކަށް އައި ނަމަވެސް މިހާރު ވެކްސިން ޖެހުމުގެ މަސައްކަތްތައް ބައެއް ޤައުމުތަކުގައި ފެށިފައިވުމުން އަންނަ އަހަރުތެރޭ ޗުއްޓީއަށް ތަންތަނަށް ދިޔުމަށް ބުކިންގ ހަދަމުންދާ ފަރާތްތައް އިތުރުވަމުންދާ ކަމަށެވެ.

މި ލިސްޓުން ކ.މާފުށި ޖާގަ ހޯދާފައިވާއިރު، އެއާބީއެންބީން ހާމަކުރާގޮތުގައި މާފުއްޓަކީ ޖަޒީރާ މަންޒިލަކަށް ދާން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށޭނަ މަންޒިލް ކަމަށެވެ.

މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ކުރަމުންދާ ރަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ގެސްޓް ހައުސްވެސް ހުންނަނީ މާފުށީގައެވެ.