ވިޔަފާރި

230 އަށްވުރެ ގިނަ ގެސްޓްހައުސް ހުޅުވައިފި


ރާއްޖޭގައި އޮޕަރޭޓްކުރާ 239 ގެސްޓްހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ގްރޭޓަރ މާލެ ސަރަހައްދުގެ 33 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ. އޭގެތެރޭގައި ހިމެނެނީ ހުޅުމާލޭގެ 23 ގެސްޓްހައުސްއަކާއި، މާލޭގެ 9 ގެސްޓްހައުސްއެއްގެ އިތުރުން ވިލިމާލޭގެ 1 ގެސްޓްހައުސްއެކެވެ. މިއާއެކު މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކުގައި ފަތުރުވެރިންނަށް ޙިދުމަތްދޭ އެނދުގެ އަދަދު ވަނީ 994 އަށް އަރާފައެވެ.

އަތޮޅުތެރޭގެ 37 ރަށެއްގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ދީފައެވެ. އެހެންކަމުން މާލެ ސަރަހައްދު ނުހިމަނައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހުޅުވުމުގެ ހުއްދަދިން ގެސްޓްހައުސްތަކުގެ އަދަދު ވަނީ 206 އަކަށް އަރާފައެވެ. މީގެތެރޭގައި ހއ.އިން ފެށިގެން އައްޑޫ ސިޓީގެ ގެސްޓްހައުސްތައްވެސް ހިމެނެއެވެ. އަތޮޅުތެރޭގެ 206 ގެސްޓްހައުސްއެއް ހުޅުވާފައިވާއިރު ފަތުރުވެރިންނަށް ޙިދުމަތްދޭ އެނދުގެ އަދަދު ވަނީ 3676 އަށް އަރާފައެވެ.

އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ އޮކްޓޯބަރމަހުގެ 15 ވަނަ ދުވަހުއެވެ. އަދި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުން ލަސްވީ މި ސަރަހައްދުގައި ކޯވިޑް19 ގެ ކޮމިއުނިޓީ ސްޕްރެޑްއެއް އޮތުމުގެ ސަބަބުންނެވެ. މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވައި ޙިދުމަތްދޭން ފެށުމާއިއެކު ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ފެސިލިޓީތައް ހުޅުވުމުގެ ހުއްދަ ވަނީ ލިބިގެންގޮސްފައެވެ.

ކޮންމެ ރަށެއްގެ ގެސްޓްހައުސްއެއް ހުޅުވުމުގެ ކުރިންވެސް ވަކި ހާއްސަ އެސްއޯޕީއެއް، އެ ގެސްޓްހައުސްއަކުން ޓޫރިޒަމް މިނިސްޓްރީއަށް ހުށައަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދެނީ މި އެސްއޯޕީތަކަށް ބެލުމަށްފަހުގައެވެ.

އެޗްޕީއޭއިން އެންމެފަހުން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން ރާއްޖޭގެ ގެސްޓްހައުސް ހިންގާ ރަށްރަށުގެ މީހުން ބޭރަށްދާއިރު މާސްކް އެޅުމަކީ މަޖުބޫރުކަމެކެވެ. އަދި ބޭރަށް ނިކުމެއުޅޭއިރު އިޖްތިމާއީ ގައިދުރުކަން އެކަކު އަނެކަކާއި ދެމެދު ބަހައްޓަންޖެހެއެވެ.