ޚަބަރު

"ފެންމަތީ ސޯލާ ޕެނަލް"އާއެކު ސްޓެލްކޯ ތާރީޚުގެތެރެއަށް


އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް މޫދުގައި ބަހައްޓާ ސޯލަ ޕެނަލް، "ސްޓެލްކޯ ގްރީންލައިފް ސޯލާ ޕޮޑް" ސްޓެލްކޯއިން މާކެޓަށް ނެރެފިއެވެ.

ގްރީން ސޯލާ ޕޮޑަކީ ތިމާވެއްޓާ ރައްޓެހިގޮތެއްގައި ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތުގެތެރެއިން މާކެޓަށް ނެރުނު އުފެއްދުމެކެވެ. މި އުފެއްދުމަކީ ރާއްޖޭގެ މާޙައުލާ ގުޅޭގޮތޮތަށް، އެ ކުންފުނީގެ ރިސަރޗް އެންޑް ޑިވެލޮޕްމެންޓް ޔުނިޓުން ފަރުމާކޮށްފައިވާ ކުންފުނީގެ ޚާއްސަ އުފެއްދުމެކެވެ.

ސްޓެލްކޯ ގްރީންލައިފް ސޯލާ ޕޮޑް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މިއީ ކުންފުނީގެ 70އަހަރުގެ ތާރީޚުގައި ހޯދި ބޮޑު ކާމިޔާބީއެއްކަމަށެވެ.

މި ސޯލާ ޕޮޑަކީ މޫދުގައި ފެންމަތީގައި ހިފެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ ސޯލާ ޕެނަލްތަކެކެވެ. މުޣުނީ ވިދާޅުވީ އެއްގަމުގައި އަވިން ހަކަތަ އުފެއްދުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ޖާގަ ނުލިބުންކަމަށެވެ. ނަމަވެސް މޫދުގައި ބަހައްޓާ މިފަދަ ވަސީލަތެއްގެ ސަބުބުން ތިމާވެއްޓާ ރައްޓެހި އަދި ޖާގައިގެ ދަތިކަމުގެ މައްސަލައަށް ޙައްލެއް ހޯދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިސޯލާ ޕޮޑު ފަރުމާކުރެވިފައި މިވަނީ ޖާގައޮތް ބޮޑު ފަޅެއްގައި މިފަދަ ގިނަ ޕޮޑުތަކެއް އެކަތި އަނެކައްޗާ ފަސޭހައިން ގުޅާލައި ރާވާލައިގެން ގިނަ ޢަދަދެއްގެ ހަކަތަ ނެގޭގޮތަށް. މިއަދު މިއިފްތިތާޙްކުރެވޭ ސޯލާ ޕޮޑުތަކުގެ ސްޓޭންޑާޑް ސައިޒްތަކަކީ 8 ޕެނަލްގެ ސިސްޓަމްތަކާއި 16 ޕެނަލްގެ ސިސްޓަމްތައް ކަމުގައި ވީނަމަވެސް ޑިމާންޑް އޮންނަ ގޮތަކަށް ބަލައި މިއުފެއްދުން އެހެން ސައިޒުތަކުންވެސް ލިބިގެންދަނެ." މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯއިންވަނީ މި ސޯލާ ޕޮޑަކީ ރާއްޖޭއަށް އެކަށީގެންވާ ވަސީލަތެއްތޯ ބެލުމަށް ޓެސްޓު ބުރުތަކެއްވެސް ބާއްވާފައެވެ. އެގޮތުން ވ.އަތޮޅުގައި އަޖުމަބެލުމުގެ ގޮތުން މިޕެނަލްތައް ޓެސްޓުކޮށްފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ. މި އުފެއްދުން ބޭނުންކުރުން އިތުރުވާ މިންވަރަކުން އެކުންފުނިން ތެލަށްކުރާ ހޭދަ ކުޑަކުރެވޭނެކަމަށް މުޣުނީ ވިދާޅުވިއެވެ.

ފްލޯޓިންގ ސޯލާ ޕެނަލް ބެހެއްޓުމާއި އެތަކެތި މައިކަރަންޓު ވިއުގާ ގުޅާލުމަށް ސްޓެލްކޯގެ އެހީތެރިކަން ލިބޭނެއެވެ. މި ސޯލާ ޕެނަލްތަކަކީ 25އަހަރުގެ ވޮރަންޓީއާއެކު ނެރޭ އުފެއްދުމެކެވެ. މިއުފެއްދުން ފެށޭ ޖެނުއަރީމަހުން ފެށިގެން ގަންނަން ލިބޭނެއެވެ.