ޚަބަރު

ރޫޓް ފިހާރައިގެ ފައިސާ ފޭރެން އުޅުނު ފަސް މީހަކަށް ދައުވާކޮށްފި


ރޫޓް ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަންނަން އުޅުނު މައްސަލާހައި 5 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ. 

ރޫޓް ފިހާރައިން ޖަމާކުރަން ގެންދިޔަ ފައިސާ ފޭރިގަންނަށް މަސައްކަތްކޮށްފައިވަނީ އެ ފައިސާތައް ހިފައިގެން ދިޔަ ވޭން ބޭންކަށް ގޮސް މަޑުކުރި ވަގުތުއެވެ. މި މައްސަލާގައި ހައްޔަރުކުރި ފަސްމީހުންގެ ތެރެއިން 4 މީހެއްގެ މައްޗަށް ދައުވާކުރަނީ ފައިސާ ގެންދިޔަ ފަރާތްތަކަށް ޖަމާއަތް ހަދައިގެން ބިރުދެއްކުމަށްފަހު އެ ފައިސާތައް އަޅާފައިހުރި ފޮށިގަނޑު ފޭރެން އުޅުނު ކުށުގައެވެ. މި ހަތަރު މީހުންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގެ ދައުވާއެވެ.

ފޭރުމުގެ ދައުވާ އުފުލާފައިވާ މީހުން: 

* ލ. ގަން. ތުނޑި، ކީމިޔާގެ، ޢަބްދުﷲ ރާޝިދު
* ގއ. ވިލިނގިލި، ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު
* ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ޙުސައިން ޢަބްދުލްމަޖީދު
* ކ. މާލެ، ވ. ޕިންކްވިލާ، އަޙްމަދު އަމީރު

މި މައްސަލާގައި ހިމެނޭ ރ. ރަސްމާދޫ، އޯކިޑްމާގެ، މުޙައްމަދު ޢަޒްމީންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. ޕީޖީ އޮފީހުންވަނީ މި މައްސަލަތައް ކްރިމިނަލްކޯޓަށް ހުށައަޅާފައެވެ.

މި ފަސްމީހުން ބައިވެރިވެެގެން ފައިސާތައް ފޭރިގަންނަން މަސައްކަތްކޮށްފައިވަނީ އެ ފައިސާތައް ބޭންކަށް ޖަމާކުރުމަށް ވެހިކަލް ދިޔައިރު އޭގެ ފަހަތުން ގޮސް އެ ވެހިކަލް މަޑުކުރުމުންނެވެ. ނަމަވެސް އެ މީހުން އެ ފައިސާ ފޭރެން ކުރި މަސައްކަތް ބޭންކް އޮފް ސިލޯންގައި ސެކިއުރިޓީ ބަލަހައްޓަންހުރި ގާޑްވަނީ ނާކާމިޔާބުކޮށްލާފައެވެ. މި ފައިސާތައް ފޭރިގަންނަ މަސައްކަތްކުރި މީހުން އެކަން ނާކާމިޔާބުވުމުން ވަނީ ފިލާފައެވެ. ފުލުހުން މި މީހުން ހޯދާ ހައްޔަރުކުރީ އޭގެ ތިންދުވަސް ފަހުންނެވެ. މިމައްސަލައިގަ ޝާމިލުވާ މީހުންނަކީ ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހުންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފޭރުން ނާކާމިޔާބުކޮށްލި ސެކިއުރިޓީ ގާޑަށް ރޫޓް ފިހާރައިގެ ފަރާތުންވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.