ޓުއަރިޒަމް

ޓޫރިޒަމް ޖޮބް ފެއާރ މާދަމާގެ ނިޔަލަށް ކުރިއަށްދާނެ


ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފުކުރިތާ 40 އަހަރު ވީއިރު ރާއްޖެއަކީ މިސިނާޢަތުގައި ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ގޮތްކިޔޭ ފެންވަރުގެ ޤައުމަކަށް ވެފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އާރޓް ގެލެރީގައި އިއްޔެ ޓުއަރިޒަމް ޖޮބްފެއާ ހުޅުއްވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.މިނިސްޓަރ ސަޢީދު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައިއިރު އެކަމަކީ ރާއްޖޭގައި ކުރިއެރުވޭނެ ކަމެއްކަމަށް ގިނަބަޔަކު ޤަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް މި ސިނާޢަތުގައި ރާއްޖެ މިހާރު ކުރިއަރާފައިވާ ހިސާބުން ރާއްޖެއަކީ މިދާއިރާއިން ދުނިޔޭގެ ފެންވަރުގައި އާ ޓްރެންޑް އުފައްދައި، ބޮޑެތި ޤައުމުތަކަށް ނަމޫނާ ދައްކާ ޤައުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފަދަ ކުރިއަރަމުން އަންނަ ސިނާޢަތަކަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ އިންސާނީ ވަސީލަތްކަމަށާއި، ޖޮބް ފެއާރތައް ބޭއްވުން މުހިންމުވަނީ އެސަބަބަށްޓަކައި ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. ޓުއަރިޒަމް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ ގުޅިގެން، ފަތުރުވެރިކަމުގެ ސިނާޢަތަށް ޚާއްސަކޮށްގެން ބާއްވާ މިޖޮބް ފެއާރ ކުރިއަށްގެންދާނީ މާދަމާގެ ނިޔަލަށެވެ. ފެއާރ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4ން 6ކަށް އަދި ރޭގަނޑު 8ން 10ކަށް ކަމަށް ޓުއަރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއެވެ. މިފެއާރގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ސާޅީހަށްވުރެގިނަ ކުންފުނިން ސްޓޯލްތައް ވަނީ ބަހައްޓާފައެވެ. ފެއާރގެ ތެރެއިން މިސިނާޢަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން އެފަދަ ފުރުސަތުތަކުގެ މަޢުލޫމާތު ސީދާގޮތެއްގައި ޒުވާނުންނަށް ފޯރުކޮށްދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއެވެ.