ސިއްހަތު

25 އަހަރު ޚިދުމަތްކުރެއްވުމަށްފަހު ޑރ. ފާތުމަތު އަލި ދީދީ ރިޓަޔަރވެވަޑައިގެންފި


އައި.ޖީ.އެމް.އެޗަށް 25 އަހަރު ޚިދުމަތްކުރެއްވުމަށްފަހު، އެ ހޮސްޕިޓަލުގެ މެޑިކަލް އެޑްމިނިސްޓްރޭޝަންގެ ހެޑް އޮފް ޑިޕާޓްމަންޓްގެ މަޤާމުން ޑރ. ފާތުމަތު އަލި ދީދީ ރިޓަޔަރވެވަޑައިގެންފިއެވެ.

ޑރ. ފާތުމަތު އަލީ ދީދީ ވަނީ ސިއްހީ ދާއިރާއިން އައި.ޖީ.އެމް.އެޗްއަށް ތަފާތު އެކިއެކި މަޤާމުތަކުގައި ޚިދުމަތްކޮށްދެއްވާފައެވެ.

ޑރ. ފާތުމަތު އަލީ ދީދީ ޞިއްޙީ ދާއިރާއަށް އެންމެ ފުރަތަމަ ޚިދުމަތްކުރައްވާފައިވަނީ ސެންޓްރަލް ހޮސްޕިޓަލުގައެވެ. އެގޮތުން 1982 ވަނަ އަހަރު އެކަމަނާ އެންމެ ފުރަތަމަ އަދާކުރައްވާފައިވަނީ ސީނިއަރ ހައުސް އޮފިސަރެއްގެ ވަޒީފާއެވެ. އެއަށްފަހު އައި.ޖީ.އެމް.އެޗް އާއި ގުޅިވަޑައިގަތީ 1995 ވަނަ އަހަރު ރެޖިސްޓްރަރ އިން މެޑިސިން ގެ މަގާމަށެވެ. އެމަޤާމުގައި 04 އަހަރު ޚިދުމަތްކުރެއްވުމަށްފަހު އައި.ޖީ.އެމް.އެޗް މެޑިކަލް އެޑްމިންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމާ ގުޅިވަޑައިގެންނެވިއެވެ. މަޤާމުގެ ކުރިއެރުމާއި އެކު 2008 ވަނަ އަހަރު މެޑިކަލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރގެ މަޤާމަށް ފާތިމަތު އަލި ދީދީ އައްޔަން ކުރެވުނެވެ.

އަދި 2016 ވަނަ އަހަރުގެ ޖޫން 28 ގައި އައި.ޖީ.އެމް.އެޗްގެ ހެޑް އޮފް ކްލިނިކަލް ސަރވިސަސްގެ މަޤާމަށް ޑރ. ފާތުމަތު އަލީ ދީދީ ހޮވިވަޑައިގަތެވެ. އައި.ޖީ.އެމް.އެޗުން ވިދާޅުވީ، މެޑިކަލް އެޑްމިނިސްޓްރޭޝަންގެ އެޗް.އޯ.ޑީ ގެ މަޤާމުވެސް ޑރ. ފާތުމަތު އަލީ ދީދީ ފުރުއްވާފައިވަނީ ނުހަނު އިޚްލާސްތެރިކަމާއިއެކުކަމަށެވެ.

ސިވިލް ސާވިސަސްގެ ގަވާއިދުގައިވާ މަޤާމުން މުސްކުޅިކުރުމުގެ އުސޫލުގެދަށުން އެކަމަނާ ރިޓަޔަރވެ ދުރުވާއިރު ތަފާތު ގިނަގުނަ މަސައްކަތްތަކެއްވަނީ އައި.ޖީ.އެމް.އެޗް އަށް ކޮށްދެއްވާފައިކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ. އައިޖީއެމްއެޗުން ސިފަކުރާ ގޮތުގައި ޞިއްޙީ ދާއިރާގައި ފާތުމަތު އަލީ ދީދީގެ ތަޖުރިބާ ވެގެންދިޔައީ އެހޮސްޕިޓަލް ހިންގުމުގައި ލިބިގެންދިޔަ މުހިއްމު އެއްބާރުލުމަކަށެވެ. ޑރ. ފާތުމަތު އަލި ދީދީގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އައި.ޖީ.އެމް.އެޗުންވަނީ ހަނދާނީ ލިޔުމާއި ހަނދާނީ ފިލައެއް އަރުވާފައެވެ.