ޚަބަރު

ރަށާއި ދޭތެރޭ ޚާއްސަކަމެއް އަބަދުވެސް އޮވޭ، ރިޓަޔާ ކުރެއްވުމަށްފަހު ރަށުގައި ދުވަސްތަކެއް ހޭދަކުރައްވާނަން


އުފަން ރަށާއި ދޭތެރޭގައި އަބަދުވެސް ޚާއްސަ ކަމެއް ދެއްވާކަމަށާއި، ރަށުގައި އާއިލާއާއި، އެކުވެރިންނާއިއެކީ ޚިދުމަތުން ރިޓަޔަ ކުރެއްވުމަށްފަހު ދުވަސްތަކެއް ހޭދަކުރެއްވުމަކީ ވަރަށް ބޮޑު އުންމީދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. މިއީ ދިވެހި ރާއްޖޭގެ އަޑުގެ ޕްރޮގުރާމެއްގައި ދިވެހި ރާއްޖޭގެ ރައީސަކު ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މިއަދުގެ ޕްރޮގުރާމުގައި އެމަނިކުފާނުގެ ހަޔާތުގެ ކަންކަމުގެ މައްޗަށް އަލި އަޅުވާލައި މުހިންމު މަޢުލޫމާތުތަކެއް ހިއްސާ ކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފައިވަނީ، ދިވެހިރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ޚާއްޞަ މެހެމާނެއްގެ ގޮތުންނެވެ. މި ޕްރޮގުރާމުގައި އަމިއްލަ ރަށުގައި ދިރިއުޅުއްވުމުގެ ވިސްނުން ގެންގުޅުއްވަންތޯ އެހުންތެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ އަމިއްލަ ރަށާއި، އާއިލާއަ އަބަދުވެސް ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްކަމަށެވެ. އަދި ރަށުގައި އަމިއްލަ ގޭގައި ދުވަސްތަކެއް ހޭދަކު ކުރެއްވުމަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެއް ކަމަށާއި، ރިޓަޔާ ކުރެއްވުމަށްފަހު ރަށުގައި ދުވަސްތަކެއް ހޭދަ ކުރައްވާނެކަމަށެވެ.

"އަޅުގަނޑާއި އަބަދުވެސް އަޅުގަނޑުގެ އާއިލާއާއި ރަށުގައި ތިބި ރައްޓިހިންނާއި ގުޅުންއޮވޭ. އަދި ކުރީގައި އަހަރަކު މަދުވެގެން 2 ފަހަރު ނޫނީ 3 ފަހަރު ރަށަށް ދެވޭ. އަޅުގަނޑުމެން ވިސްނުމެއް އަދި އަޅުގަނޑުގެ ހިތުގައި އަބަދުވެސް އޮންނަ ކަމެއް، އަޅުގަނޑު ރިޓަޔާ ކުރާ ދުވަހަކުން، އަޅުގަނޑުގެ ކޮންމެވެސް ދުވަސް ވަރެއް ރަށުގައި ހޭދަކުރާނަމޭ. ދެން އަޅުގަނޑުގެ އޮވޭ ރަށުގައި ގޯއްޗެއް. ނަމަވެސް އަދިއެއް ނުހެދޭ. ނަމަވެސް ރިޓަޔާމަންޓަށް ދާންވައިރަށް އިރާދަކުރެއްވިއްޔާ ގެއްއެއްވެސް ކޮންމެވެސް ވަރަކަށް ހަދާނަން." ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނު އަމިއްލަ ރަށްދޫކޮށް މާލެއަށް ބަދަލުވެ ވަޑައިގެންނެވި ސަބަބުވެސް ހިއްސާ ކުރައްވާފައެވެ. އުމުރުން 10 އަހަރުގައި މާލެއަށް ދިރިއުޅުން ބަދަލު ކުރެއްވީ އޭރުގެ ތަޢުލީމީ ހާލަތު ހުރިގޮތުން ރަށްފުށުން އެންމެ އެކަށީގެންވާ ތަޢުލީމެއް ލިބެން ނެތުމުން ބައްޕަގެ ނިންމެވުމެއްގެ މަތީންކަމަށެވެ.

ރައީސް ވިދާޅުވީ މައިންބަފައިންގެ އެންމެ ބޮޑު ނަސޭހަތަކީ އަބަދުވެސް މީހުންނާއި، ގުޅިގެން މަސައްކަތް ކުރުން ކަމުގައެވެ. އެއްވެސް މީހަކާއިމެދު ހަސަދަވެރި ނުވަމަކީ ބައްޕަ ނިޔާވުމުގެ ކުރިން ފޮނުވި ސިޓީގައިވެސް ލިޔެ ވަސިއްޔަތް ކޮށްފައިވާ ކަމެއްކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ އެގޮތުގައި ކުރިއަށް ވަޑައިގަތުމަށް ކަމަށާއި، ކޮންމެ ހާލަތެއްގައިވެސް މަސައްކަތް ކުރަނީ އެކުވެރިކަމާއި އެއްބައިވަންތަކާއިއެކު މަސައްކަތް ކުރެއްވުމަށް ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

މާލެ ބަދަލުވުމުގެ ކުރިން ރަށުގައި ހޭދަ ކުރެއްވި ދުވަސްތަކަކީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތޮތުން ކޮންމެ ހަފްތާއަކުވެސް ދެ ދުވަހު މޫދަށް އެރިލައި، އާއިލާއައި އެކުވެރިންނާއިއެކު ގިނަ ވަގުތުތަކެއް ހޭދަކުރަން ވަގުތު ލިބޭކަމަށެވެ. މި ވަގުތުތަކަކީ ހަޔާތުގައި އެންމެ އުފާވެރި ވަގުތުތަކެއްގެ ކަމުގައި ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.